ޚަބަރު

އޫރިދޫ ގްރޫޕުގެ ސީއީއޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް


އޫރިދޫ ގްރޫޕުގެ ބޯޑް އޮފް ޑިރެކްޓަރސް ގެ ޗެއަރމަން، ޝައިޙް ޢަބްދުﷲ ބިން މުޙައްމަދު ބިން ސަޢުދު އަލް ޘާނީއާއި، އޫރިދޫ ގްރޫޕުގެ ސީއީއޯ، ޝައިޙް ސަޢުދު ބިން ނަޞީރު އަލް ޘާނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ އޫރިދޫގެ ފަރާތުން ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއަށް ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ކުރިއެރުވުމަށްޓަކައި ޤަތަރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އޫރިދޫ ގްރޫޕުގެ ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރމަންވަނީ އޫރިދޫގެ ފަރާތުން އަލަށް ތަޢާރަފްކުރަން ހަމަޖެހިފައިވާ ޙިދުމަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވާފައި އަދި، އޫރިދޫގެ މަޤްޞަދަކީ ރާއްޖެއަކީ "ޑިޖިޓަލް މޯލްޑިވްސް"އަށް ހެދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.