ޚަބަރު

މެދުއިރުމަތީގެ ޞުލްޙައިގެ އެއްބަސްވުމަށް ޤައުމުތަކުގެ މަރުޙަބާ


މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އީރާނުން ޢަމަލުކުރާނެ އޮނިގަނޑަކާ މެދު އެއްބަސްވެވިފައިވާ ކަމަށް ދެ ޤައުމުން ވަނީ އިޢުލާނުކޮށްފައެވެ. ހަނގުރާމަ ނިމުމަކަށް އައުމުން ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލައި، ހަނގުރާމައިގެ ސަބަބުން އިންތިހާއަށް އުފުލިފައިވާ ތެލާއި ގޭހުގެ އަގުތައް ދަށަށް ދާނެ ކަމަށް ވަނީ ބެލެވިފައެވެ. ދެ ޤައުމުން އެއްބަސްވުމެއް ޤާއިމް ކުރުމަށް ނިންމާފައިވާތީ ބައިނަލްއަޤްވާމީ ދުނިޔެއިން ވަނީ އެ ކަމަށް މަރުހަބާ ކިޔައިފައެވެ.

އެ ގޮތުން އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝްގެ ތަރުޖަމާނަކު ވިދާޅުވީ ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ނިންމާފައިވާ ނިންމުން ގުތޭޚެޝް ބަލައިގަންނަވާ ކަމަށެވެ. އެ އެެއްބަސްވުމުގެ ސަބަބުން ވަގުތުން ވަގުތަށް ޙަމަލާތައް ދާއިމީ ގޮތަކަށް ހުއްޓައިލުމަށް މަގުފަހިވާނެ ކަމަށާއި، ހުރްމުޒް ކަނޑުއޮޅި ވެސް އަލުން ހުޅުވުމަށް ފުރުޞަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި އިތުރު މަޝްވަރާތައް ކުރުމަށް ދޮރުތައް ހުޅުވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެ އެއްބަސްވުމަކީ މައްސަލައަށް ޞުލްޙަވެރި ޙައްލެއް ހޯދުމާ ގާތަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް ސިފަކުރައްވާފައިވެއެވެ.

އެމެރިކާއާއި އީރާނުގެ ނިންމުމާ ގުޅިގެން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތުން ވެސް ވަނީ އެކުގައި ބަޔާނެއް ނެރެފައެވެ. އެ ޤައުމުތަކުން ބުނީ އީރާނުން ނިއުކްލިޔަރ ހަތިޔާރެއް ހޯދުމުގެ ފުރުޞަތު އެ ޤައުމަށް ދުވަހަކު ވެސް ދީގެން ނުވާނެ ކަމަށާއި، އެ ކަން ޙާޞިލް ކުރުމަށް އެމެރިކާއާއި އީރާންއާއި ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާބެހޭ އިދާރާ، އައިއޭއީއޭއާއެކު މަސައްކަތްކުރުމަށް ހަތަރު ޤައުމުން ވެސް ތައްޔާރަށް އޮތް ކަމަށެވެ.

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް ވެސް ވަނީ އެމެރިކާއާއި އީރާނުގެ ނިންމުމަށް މަރުޙަބާ ކިޔުއްވައިފައެވެ. އޭނާ ވިދާޅުވީ އޮސްޓްރޭލިޔާއިން އަބަދު ވެސް ގޮވައިލަމުން ދަނީ މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށާއި ލުބުނާނު ވެސް ހިމެނޭ ގޮތަށް މައްސަލަ ނިމުމަކަށް ގެނައުމަށް ކަމަށެވެ. ހަނގުރާމަ ދިގުލައިގެން ދާ ވަރަކަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވެސް އިތުރުވަމުންދާ ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.

ވިލާތުގެ ކޮމިޝަންގެ ރައީސް އުރްސަލާ ވޮން ޑަރ ލެއިން ވިދާޅުވީ މިހާރު ދެން އެންމެ ބޮޑު އިސްކަމެެއް ދޭން ޖެހެނީ ހަލުވިކަމާއި ފުރިހަމަ ކަމާއެކު ހުރިހާ ފަރާތަކުން ވެސް އެއްބަސްވުން ތަންފީޒުކުރުން ކަމަށެވެ. އަދި ޓޯލް ނެގުމެއް ނެތި މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުޞަތު ދޭން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ކަންކަން ވަނީ މެދުއިރުމަތީގެ ޞުލްޙައާއި ސަލާމަތާ ގުޅިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް ޢުރުދުޣާން ވިދާޅުވީ އީރާނާއި އެމެރިކާއާ ދެ ފަރާތުން އެއްބަސްވުމަކާ ހަމައަށް އައިސްފައިވާއިރު، އެ އެއްބަސްވުމަކީ ސަރަޙައްދީ ހަމަޖެހުމާއި އަމާންކަމަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އެއްބަސްވުމުގައި ސޮއި ކުރުމާ ދެމެދު ފާއިތުވާ މުއްދަތުގައި މަސްލަހަތު ގޯސްވެދާނެ ފަދަ ޢަމަލުތަކުން ހުރިހާ ފަރާތަކުން ދުރުހެލިވެ ތިބުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ. އަދި އެއްބަސްވުމައިގެން ކުރިއަށް ދިޔުން ހުއްޓުވުމަށް ބަޔަކު ގަސްތުގައި ގޯސް ހަދާފާނެ ކަމަށް ހުށިޔާރުވެ ތިބުމަށް ވެސް އޭނާ ގޮވާލައްވާފައިވެއެވެ.