ލޭ ހަދިޔާ ކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއްކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ މި ދުވަސް އެބައެއްގެ ޝަރަފުގައި ފާހަގަކުރާ ފަރާތްތަކަކީ އެތައް ބައެއް އިޚްތިރާމް ލިބިފައިވާ އެތައް ބައެއް ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކެއް ކަމަށެވެ. އަދި ލޭ ހަދިޔާ ކުރުމުގެ ދުވަހެއްގެ ބަދަލުގައި ބައިނަލްއަޤްވާމީ ގޮތުން ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހެއް ފާހަގަކުރަނީވެސް އަނެއްކާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރާ މި ހޭދަގައި އިންސާނީ މަތިވެރި އަޙްލާޤު އާލާ ކުރުމަށްކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގައި ލެޔަށް ބޭނުން ޖެހިފައިވާ އެތައް ބަޔަކު ތިބި އިރު ތަފާތު ޤައުމުތަކުގައި ލޭ ބޭނުންވާ ސަބަބުތައް ތަފާތުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ލޭ ހަދިޔާ ކުރުމުގެ ކަންކަން ފެށިގެން އައުމުގެ ތާރީޚަށް ވަނީ އަލިއަޅުވާލައްވާފައެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ޝިއާރަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ވަނީ ލޭ ހަދިޔާ ކުރުމަކީ އިންސާނިއްޔަތައް ކުރެވޭ މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ދުވަހުގެ ޝިޢާރުންވެސް އަންގައިދެނީ ކޮންމެ ލޭ ތިއްކަކާއި ގުޅިފައިވަނީ އިންސާނީ ފުރާނައެއް ކަމަށެވެ. އެހެން ކަމުން ޝިއާރު ގޮވާލަނީ އިންސާނިއްޔަތު ހިމާޔަތް ކުރުމަށް ހަދިޔާ ކުރެވެން އޮތް ކޮންމެ ލޭ ތިއްކެއް ހަދިޔާ ކުރަން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދުނިޔޭގައި ލޭ ހަދިޔާ ކުރުމާއި ރައްކާކުރުމުގެ ނިޒާމު އެތައް ގޮތަކުން ކުރިއަރާފައިވީނަމަވެސް މިކަން ކުރުމަށް ބައެއް ފަރާތްތަކުން މިހާރުވެސް ފަސްޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ފަސް ނުޖެހި ލޭ ހަދިޔާ ކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.
" މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރިންނަށް. ނަމަވެސް ލޭ ހަދިޔާ ކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއް. އެހެން ވީމާ އެފުރުސަތުގެ ދަރުމަ ހޯއްދެވުމަށް. އަދި އިންސާނިއްޔާތަށް މި ޚިދުމަތް ދެއްވުމަށް އަޅުގަނޑު ތި އެންމެ ބޭފުޅުނަށް އެދެން. އަދި މި ޚިދުމަތުގައި ތިއްބެވި އެންމެ ބޭފުޅުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވިއެވެ.
އެކަމަނާ ވަނީ ލޭ ހަދިޔާ ކުރާ މީހުންނަނީ ޝަރަފުވެރި ބައެއް ކަމަށް ވިދާޅުވެ، އެކަން ސިއްޙީ ގޮތުން ދުޅަހެޔޮ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ލޭ ހާދިޔާ ކުރާ މީހުންނާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އަގުވަޒަންކޮށް ވަނީ އެކަމުގެ ހަނދާނީ ލިއުން އަދި އެވޯޑް ހަވާލުކޮށްފައެވެ. އެގޮތުން ދިގުމުއްދަތަކަށް ލޭ ހަދިޔާ ކުރައްވާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ ކުރަން ފެއްޓެވި 18 އަހަރުވީ 29 ފަރާތަކަށް އެކަމުގެ ހަނދާނީ ލިއުން ވަނީ އަރުވާފައެވެ. އަދި މިދިޔަ އަހަރު އެންމެ ގިނަ ބްލަޑް ޑޮނޭޝަން ކޭމްޕް ބޭއްވި އަދި އެންމެ ގިނައިން ލޭ ހަދިޔާ ކުރި 3 ފަރާތަކަށް ވަނީ އެކަމުގެ ހަނދަނީ ލިއުން އަދި ފިލާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން ދިގު މުއްދަތަކަށް ލޭ ހަދިޔާ ކުރެއްވަމުން ގެންދަވާ ފަރާތްތަކުގެ ތެރެއިން ގޯލްޑް އެވޯޑް 3 ފަރާތަކަށް ވަނީ ދީފައެވެ. އަދި މިހާތަނަށް އެންމެ ގިނައިން ލޭ ހަދިޔާ ކުރެއްވި 6 ފަރާތަކަށް ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް ވަނީ އަރުވާފައެވެ. މި އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.