މިބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރެއިން އެފްރިކާގެ އިޖިޕްޓާއި ޔޫރަޕުގެ ބެލްޖިއަމްގެ ކުރިމަތިލުމަކީ ވެސް ވަރަށް ވާދަވެރި، ފޯރިގަދަވާނެ މެޗެއްގެ ގޮތުގައި ބެލެވެއެވެ.
ސަބަބަކީ ދެ ޓީމަށް ބަލާއިރު ވެސް، ފުޓުބޯޅައިގެ ނުފޫޒުގަދަ، އެތައް ރަން ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިންތަކެއް ދެ ޓީމުގައި ވެސް ހިމެނޭތީއެވެ.
ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕްގައި ބެލްޖިއަމް ވާދަކުރާއިރު މިއީ އެ ގައުމުން މުބާރާތުގައި ކުޅޭ ފަނަރަވަނަ ފަހަރެވެ.
2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ތިންވަނަ ހޯދާފައިވާ ބެލްޖިއަމް އިން މި ފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލަނީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާތީ އެ ހަނދާންތައް ފޮހެލުމުގެ އަޒުމުގަ އެވެ.
އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ކުރިއަށްދާ ވޯލްޑްކަޕްގެ ޖާގައެއް ބެލްޖިއަމް އިން ހޯދާފައިވަނީ ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ޖޭ ގައި ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ ތިން މެޗު އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެއްވެސް މެޗަކުން ބަލިނުވެ މި އަށް މެޗުގައި ޖުމްލަ 29 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ހަތް ލަނޑެވެ.
2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ބެލްޖިއަމްގެ ކޯޗު ކަމާއި ރޫޑީ ގާސިއާ ހަވާލުވެފައިވަނީ ކުރިން އެ މަގާމުގައި ހުރި ޑޮމެނިކޯ ޓަޑެސްކޯ މަގާމުން ދުރުކުރުމަށްފަހުގަ އެވެ. ފްރާންސަށް އުފަން ގާސިއާ ބެލްޖިއަމްގެ ކޯޗު ކަމާއި ހަވާލުވުމަށްފަހު އޭނާ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. ޔޫރަޕްގެ ވަރުގަދަ ކްލަބްތަކަށް ކޯޗުކޮށްދީފައިވާ ގާސިއާ ވަނީ ރޯމާ އާއި މާސޭގެ އިތުރުން ލިއޯން ފަދަ ކްލަބްތަކަށް ކޯޗުކޮށްދީފަ އެވެ.
ފީފާ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ބެލްޖިއަމް ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗުގެ ތެރެއިން މެކްސިކޯ އާއި އެއްވަރުވެފައިވާއިރު އެމެރިކާ އާއި ކްރޮއޭޝިޔާގެ އިތުރުން ޓިއުނީޝިޔާ އާއި ދެކޮޅަށް ކުޅުނު މެޗުތަކުން ވަނީ މޮޅުވެފަ އެވެ.
މި ފަހަރުގެ ވޯލްޑްކަޕާއި ބެލްޖިއަމް ކުރިމަތިލާއިރު އެ ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ ތެރޭގައި ގޯލުކީޕަރ ތިބޮއު ކޯޓުއާ, ނަޕޮލީގެ ކެވިން ޑި ބްރޭނާ, ޔޫރީ ޓިއެލެމަންސް, ރޮމެލޫ ލުކާކޫ, މެންޗެސްޓަރ ސިޓީގެ ޖެރެމީ ޑޯކޫ އަދި އާސެނަލްގެ ލިއާންދްރޯ ޓްރޮސާޑް ހިމެނެ އެވެ.
2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕަށް އިޖިޕްޓް ކޮލިފައިނުވި ނަމަވެސް މިއީ އެ ޓީމުން ވޯލްޑްކަޕްގައި ކުޅޭ ހަތަރުވަނަ ފަހަރެވެ.
އިޖިޕްޓްއިން ވޯލްޑްކަޕްގައި ފުރަތަމަ ކުޅެފައިވަނީ 1934 ވަނަ އަހަރު އެވެ. އޭގެ ފަހުން 1990 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް އިޖިޕްޓް ވަނީ ކޮލިފައިވެފަ އެވެ.
ވޯލްޑްކަޕް އިން މި ފަހަރު އިޖިޕްޓް ފުރުސަތު ހޯދާފައިވަނީ އެފްރިކާގެ ކޮލިފައިންގެ ގްރުޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ބްރުކިނަފާސޯ އާއި ސިއެރަ ލިއޯން, ގިނީ ބިސާއޫ އަދި އިތިއޯޕިއާގެ އިތުރުން ޖިބޫޓީ އާއި އެއް ގްރޫޕެއްގައި ހިމެނި އިޖިޕްޓް ވަނީ ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށްފަ އެވެ.
އިޖިޕްޓްގެ ކޯޗު ކަމުން 2024 ވަނަ އަހަރު ޕޯޗުގަލްގެ ރުއި ވިޓޯރިއާ ވަކިކުރުމަށްފަހު މިސްރުގެ ކުރީގެ މިޑްފީލްޑަރ ހުޝާމް ހަސަން ކޯޗު ކަމާއި ހަވާލުވުމަށްފަހު އޭނާ ވަނީ މިސްރު އަލުން އޮތް ފެންވަރަށް ގެނެސްދިނުމުގައި މުހިންމު ބަދަލުތަކަކާއިއެކު ރަނގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އެއްވެސް މެޗަކުން ބަލިނުވެ މި ފަހަރުގެ ވޯލްޑް ކަޕުން އިޖިޕްޓް ފުރުސަތު ހޯދުމުގަ އެވެ. މިއީ 91 އަހަރުގެ ތެރޭގައި މިފަދަ ނަތީޖާއެއް އިޖިޕްޓަށް ލިބުނު ފުރަތަމަ ފަހަރެވެ.
އިޖިޕްޓް އިން މި ފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލާއިރު އެ ޓީމުގެ ހުރިހާ ކާމިޔާބީއެއް ބިނާވެފައިވަނީ މުހައްމަދު ސަލާޙް އާއި މެންޗެސްޓަރ ސިޓީގެ އުމަރު މަރްމޫޝް ދައްކާ ކުޅުމަކަށެވެ. މުހައްމަދު ސަލާ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 116 މެޗުގައި ވަނީ ޖުމްލަ 67 ލަނޑު ޖަހާފަ އެވެ.
އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕަށް އިޖިޕްޓް ނިކުންނައިރު އެ ގައުމަށް މިހާތަނަށް ވޯލްޑް ކަޕް މެޗަކުން މޮޅެއް ހޯދިފައެއް ނުވެއެވެ.