ވިޔަފާރި

އޭ.އައި.އައި.ބީން ރާއްޖޭގައި އިންވެސްޓްކުރުމަށް މަޝްވަރާކޮށްފި


އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭ.އައި.އައި.ބީން ރާއްޖޭގައި އިންވެސްޓްކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

އެބޭންކުން މިހާރު ގެންދަނީ މެމްބަރު ޤައުމުތަކުގައި އިންވެސްޓްކުރުމަށްޓަކައި ޤައުމުތަކަށް ޒިޔާރަތްކުރަމުންނެވެ. އެގޮތުން ރާއްޖެއަށް މިހާރު ޒިޔާރަތްކުރަމުންދާ އޭއައިއައިބީގެ ވަފްދުގެ އެންމެ އިސް ވެރިއަކަށް ހުންނެވީ، އޭ.އައި.އައި.ބީގެ ޗީފް އިންވެސްޓްމަންޓް އޮފީސްގެ ވައިސް ޕްރެޒިޑެންޓް ޑރ. ޑީ.ޖޭ ޕާންޑިއަނެވެ.

ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި ރާއްޖެއަށް އެހީބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން އޭ.އައި.އައި.ބީގެ ވަފްދުގެ ބޭފުޅުންނަށް މައުލޫމާތުދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދުއެވެ. މިއަދު އިކޮނޮމިކް މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، އޭއައިއައިބީން ތިމާވެއްޓާއި ރައްޓެހި އަދި އިންސާނީ ދުޅަހެޔޮ ކަމަށް އަމާޒްކޮށް ހިންގާ ޕްރޮޖެކްޓްތަކަށް ޝައުގުވެރިވާކަމަށެވެ.

img:http://s4.psmnews.mv/images/660x400/14668778726773.jpg|އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ ފުރަތަމަ ޢާއްމު ބައްދަލުވުން - ފޮޓޯ: ޒިންގހުއާ ނިއުސް

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ އޭއައިއައިބީގެ ފައުންޑަރ މެމްބަރަކަށްވުމުން، ރާއްޖެއަށް އެ ބޭންކުން ހާއްސަ އިސްކަމެއް ދެއްވާނެއެވެ. އޭ.އައި.އައި.ބީއަކީ އޭޝިއާގެ ޤައުމުތަކުގެ ގުޅުން ރަނގަޅުކޮށް ސަރަޙައްދީ އެހެން ބޭންކުތަކާއި ގުޅިގެން، އޭޝިއާގެ ޤައުމުތަކުގެ އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ ބޭންކެކެވެ. މި ބޭންކުގެ ރައުސުލްމާލަކީ 100 ބިލިއަން އެމެރިކާ ޑޮލަރެވެ. އަދި، މިއީ ވޯލްޑް ބޭންކުގެ ރައުސުލްމާލުގެ ދެބައިކުޅަ އެއްބަޔާއި އެއްވަރުގެ ޢަދަދެކެވެ.

މި ބޭންކުގެ މައިގަނޑު ތިން ހިއްސާދާރުންނަކީ ޗައިނާ، ރަޝިޔާ އަދި އިންޑިއާއެވެ. މި ބޭންކުގައި 57 މެމްބަރުން ހިމެނެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ. އޭ.އައި.އައި.ބީ އިފްތިތާޙުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.