ވިޔަފާރި

ތައިލޭންޑްގެ ކުންފުނިތައް ބައިވެރިވާ ބިޒްނަސް ފޯރަމެއް ފަށައިފި


ދިވެހި ވިޔަފާރިވެރިންނަށް ތައިލެންޑްގެ ކުންފުނިތަކާއި ސީދާ ބައްދަލުކޮށްލުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ގޮތުން ތައިލޭންޑްގެ 35 ކުންފުންޏަކުން ބައިވެރިވާ ބިޒްނަސް ފޯރަމެއް ފަށައިފިއެވެ. ދަރުބާރުގޭގައި އެއްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރގެ ނާއިބު އާދަމް ތައުފީގުއެވެ.

ތައިލެންޑާއި ރާއްޖެއާއި ދެމެދު އޮންނަ ވިޔަފާރީގެ މުޢާމަލާތްތަކުގެ ޖުމްލަ އަދަދު، ދެހާސް އަށާރަވަނަ އަހަރު ދުއިސައްތަ މިލިއަން ޑޮލަރަށް އެރުވުމަށް ސަރުކާރުންވަނީ ޢަމާޒް ހިއްޕަވާފައެވެ. އަދި އެ ޢަމާޒް ހާސިލްކުރުމަށް ދެޤައުމު ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަރުބާރުގޭގައި ކުރިއަށްދާ ބިޒްނަސް ފޯރަމްއަކީވެސް ރާއްޖެއާއި ތައިލެންޑާއި، ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ދެޤައުމުން ދެކެއެވެ.

img:http://s1.psmnews.mv/images/660x400/14763514844123.jpg|ބިޒްނަސް ފޯރަމްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ސާމާނާއި، ކޮންސްޓަރކްޝަންގެ ދާއިރާއާއި ގުޅުންހުރި ތަކެތީގެ ވިޔަފާރިކުރާ ތައިލެންޑްގެ ވިޔަފާރިވެރިން މި ފޯރަމްގައި ބައިވެރިވެއެވެ. ކުންފުނިތަކުން ވިއްކާ ތަކެތި ދައްކާލުމާއިއެކު ކުރިއަށްދާ މި ފޯރަމް ހަވީރު ފަހެއް ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި މި ފޯރަމްގައި ބައިވެރިވާން ބޭނުން ހުރިހާ ފަރާތަކަށްވެސް އެ ފުރުޞަތު ވަނީ ހުޅުވާލައްވާފައެވެ.

މި ފޯރަމް އިފްތިތާޙު ކޮށްދެއްވުމަށްފަހު ވާހަަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރގެ ނާއިބު އާދަމް ތައުފީގު ވިދާޅުވީ މި ފޯރަމްއަށް ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ. މި ފޯރަމްއަށް ގިނަ އަދަދެއްގެ ދިވެހި ވިޔަފާރިވެރިން ޒިޔާރަތްކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. 

ރާއްޖެއާއި ތައިލެންޑާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށްޓަކައި ދެ ޤައުމުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުންއެކުލަވާލައްވާފައިވާ އެއްބަސްވުން ފާހަގަކޮށްލެވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ވަނީ ޖޮއިންޓް ޓްރޭޑް ކޮމިޓީއެއްވެސް އުފައްދާފައެވެ. މި ކޮމިޓީގެ ދެވަނަ ބައްދަލުވުން ވަނީ ރާއްޖޭގައި ބާއްވާފައެވެ. މި ބައްދަލުވުމުގައި ތައިލެންޑްގެ މިނިސްޓަރ އޮފް ކޮމަރސް، އަޕިރާދި ޓަންޓްރަޕޯން ބައިވެރިވެ ވަޑައިގެންނެވިއެވެ.