ޚަބަރު

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކޮށްފި


  • ޕޭޕަލްގެ ޓެސްޓިން މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ކުރީކޮޅު

  • ޕޭޕަލް ޚިދުމަތް ރާއްޖެ ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތެއްކޮށްފައިވޭ

އުރީދޫ މޯލްޑިވްސް އިން ރާއްޖެ އަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޭޕަލްގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރ އާމިރު ވިލިއާނީ ވިދާޅުވީ ޕޭޕަލްގެ ޒަރިއްޔާ އިން ރާއްޖޭގައި އިތުބާރު ކުރެވޭ މާލީ މުއާމަލާތްތަކެއް ޤާއިމުކުރެވުމަކީ މީހުންނާއި ވިޔަފާރިތައް ގުޅި ލާމެހުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ސަރުކާރުން ގެންގުޅޭ 2.0ގެ ތަސައްވުރާއި ގުޅިގެން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ އިގްތިސާދީ ސިންދަފާތުކުރުންތަކުގައި ރާއްޖެ އާ ހަރުފަރތަކަށް ގެންދާނެ ކަމެއް ގޮތުގައި އާމިރު ވަނީ ސިފަކުރައްވާފައެވެ.

"ފްރީލަންސަރުންނާއި، ވިޔަފާރުވެރިންނާއި، އާ ފުރުސަތުތައް ހޯދާ ފަރާތްތަކަށް އިތުބާރު ކުރެވޭ މާލީ މުއާމަލާތުތަކެއް ކުރެވުމަކީ އެ ފަރާތްތަކަށް ކުރިއެރުމަށް ލިބޭ ފުރުސަތެއް." ޕޭޕަލްގެ ނައިބު ރައީސް އާމިރު ވިލިއާނީ ވިދާޅުވިއެވެ.

ޕޭޕަލްގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫގެ ދަށުން ހިންގާ ޓެކްފިން މޯލްޑިވްސްއަށް ދޫކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. ޕޭޕަލްގެ ޓެސްޓިން މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ކުރީކޮޅެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ޝަޑީ ގަވަސްމީ ވިދާޅުވީ ފާއިތުވި 20 ވަރަކަށް އަހަރު ދުވަހު އުރީދޫ އިން މަސައްކަތް ކޮށްފައި ވަނީ ބައިނަލްއަޤުވާމީ ގޮތުން ލިބެން ހުންނަ އެންމެ ފުރިހަމަ ޑިޖިޓަކް ޚިދުމަތްތައް ރާއްޖެއާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އުރީދޫ އިން އަބަދުވެސް ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާކޮށް ކުރިއެރުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް އޭނާ ވިދާޅުވީ ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ޤާއިމުކުރުމަކީ އެ މަގުން އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަަބަބުން އުރީދޫއިން ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާ ކަމަށް ޝަޑީ ގަވަސްވީ ވިދާޅުވިއެވެ.

"ޑިޖިޓަލް ރާއްޖެ އަކަށް ދަތުރުކުރަމުންދާއިރު މިއީ މުހިންމު ފިޔަވަޅެއް. ފަރުދުންނަށް ބައިނަލްއަޤުވާމީ މައިދާނުގައި އިތުރު ފުރުސަތުތައް މިކަމުގެ ސަބަބުން ލިބިގެންދާނެ." ޝަޑީ ގަވަސްވީ ވިދާޅުވިއެވެ.

ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރުމުގެ މަސައްކަތް އުރީދޫ އިން ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފައި ވާއިރު މިއީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އައި މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނީ 2024ގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ޒަމާނީ އޮންލައިން ޕޭމެންޓް ސިސްޓަމްތައް ހިމެނޭހެން އީވޮލެޓް ތާޢަރްފްކުރުމާއި، މާލީ މުޢާމަލާތުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ދޭންފެށީ ޕޭޕަލް އާއި އުރީދޫ އާ ދެމެދު ޤާއިމުކޮށްފައިވާ ސީމްލަސް އިންޓަގްރޭޝަންގެ ތެރެއިން އުރީދޫ އެމް-ފައިސާ މެދުވެރިކޮށެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ޤާއިމުކުރުމާއެކު މިހާރު ރާއްޖެ ހިމެނިގެން ދަނީ މި ސަރަޙައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިޤްޠިޞާދުތަކުގެ ލިސްޓުގައެވެ.