ޚަބަރު

މެދުއިރުމަތީގެ ޞުލްޙައިގެ އެއްބަސްވުމުގައި ސޮއިކުރުން ހުކުރު ދުވަހު


އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ދެ ޤައުމުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް އޮތް ހުކުރު ދުވަހު ސުވިޒަލޭންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު ހެނދުނު ހާމަކުރައްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަރީފް މިކަން އިޢުލާން ކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާނުގެ ދައުލަތުގެ މީޑިޔާ އެއްކަމަށްވާ ތަސްނީމް ނޫހުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

މި އެއްބަސްވުމަށް އާދެވުނީ، އާދީއްތަ ދުވަހު ޔަހޫދީ ނިރުބަވެރި ފައުޖުން ލުބުނާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނާއި ރައީސް ޓްރަމްޕްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެއްބަސްވުމުގެ ތަފްސީލީ މާއްދާތައް އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ޝަރީފް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ލުބުނާނު ހިމެނޭހެން ހުރިހާ ސަރަޙައްދެއްގައި ކުރިއަށްދާ އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލަން ޖެހެއެވެ.

ރޮއިޓާރސް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށާއި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އިތުރު 60 ދުވަހުގެ ތެރޭގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަނޑުއޮޅި ހުޅުވާލެވޭނީ އެއްވެސް ފީއެއް ނުނަގާ ގޮތައް ކަމަށާއި، އެމެރިކާގެ މަނަވަރުތަކުން ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ.

އާދީއްތަ ދުވަހުގެ ކުރީކޮޅު، އީރާނުގެ މަންދޫބު މުޙައްމަދު ބާޤިރު ޤަލީބާފް ވިދާޅުވީ، ބެއިރޫތުގެ ދެކުނު ސަރަޙައްދުތަކަށް ޔަހޫދީން ދިން ހަމަލާތަކުން ހާމަވަނީ، އެމެރިކާގެ ވަޢުދުތައް ފުއްދުމުގެ ޤާބިލުކަމާއި އިޚްލާޞްތެރިކަން ނެތްކަމަށެވެ.

މިއާ ވިދިގެން، ޑޮނަލްޑް ޓްރަމްޕްގެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބެއިރޫތަށް ދިން ހަމަލާއަކީ ހިނގައިގެންވާނެ ކަމެއް ނޫން ކަމަށެވެ. ވަކިން ހާއްސަކޮށް، އީރާނާއެކު ޞުލްޙައިގެ އެއްބަސްވުމަކާ މިހާ ގާތްވެފައިވާ މުހިންމު ދަނޑިވަޅެއްގައި މިފަދަ ހަމަލާއެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފެބްރުއަރީ މަހު އެމެރިކާ އާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ލުބުނާނުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހިޒްބުالله ޖަމާއަތާއި ޔަހޫދީންނާ ދެމެދު އޮތް ހަމަނުޖެހުންތައް ވަނީ އަލުން ހޫނުވެފައެވެ.

މިކަމާ ގުޅޭގޮތުން އީރާނުގެ އިސް އޮފިޝަލަކު ރޮޔިޓާރސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެކުލަވާލަމުންދާ އެއްބަސްވުމުގެ ދަށުން އީރާނުގެ ހިފަހައްޓާފައިވާ 25 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ އާއި މުދާ ދޫކޮށްލުމަށް އެމެރިކާއިން އެއްބަސްވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާއި އެފަދަ ހަތިޔާރު ހޯދުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އީރާނުން އެއްބަސްވާނެއެވެ.

އަދި ދާއިމީ އެއްބަސްވުމަކަށް އާދެވެންދެން، ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިޔަރ މަރުކަޒުތައް ފުޅާކުރުން ހުއްޓާލައި، ނިއުކްލިޔަރ ޕްރޮގްރާމް މިހާރު އޮތް ހާލަތުގައި ދެމެހެއްޓުމަށް އީރާނުން ރުހުން ދީފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.