ޚަބަރު

ފީފާ ވޯލްޑްކަޕް 2026: އައިވަރީ ކޯސްޓް - އެކުއަޑޯ


  • ސްޓޭޑިއަމް:ލިންކަން ފައިނޭންޝަލް ފީލްޑް

  • ގަޑި: 04:00

12 އަހަރުގެ މެދުކެނޑުމަކަށްފަހު އައިވަރީ ކޯސްޓް އިން މި ފަހަރުގެ ފީފާ ވޯލްޑްކަޕް އިން ޖާގަ ހޯދާފައިވާއިރު މިއީ އެ ގައުމުން ވޯލްޑްކަޕުގައި ކުޅޭ ހަތަރުވަނަ ފަހަރެވެ.

2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގެ ގްރޫޕް ސްޓުޖުން ކަޓައިގެންދިޔަ އައިވަރީ ކޯސްޓް އިން މި ފަހަރުގެ މުބާރާތާއި ކުރިމަތިލާފައިވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ފުރަތަމަ ފަހަރަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ އަޒުމުގަ އެވެ.

2024 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދުމަށްފަހު ވޯލްޑްކަޕްގެ ކޮލިފައިން އާއި ކުރިމަތިލާ ކޮލިފައިންގެ ފަހު ބުރުގައި ކެންޔާ 3-0 ގެ ނަތީޖާއަކުން ބަލިކޮށް އައިވަރީ ކޯސްޓް އިން ވަނީ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

އެފްރިކާގެ ކޮލިފައިންގައި އައިވަރީ ކޯސްޓް ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެ 2 މެޗު އެއްވަރުވެފައިވާއިރު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މި ދިހަ މެޗުގައި ޖުމްލަ 25 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް އެއްވެސް ލަނޑެއް ވަދެފައެއް ނުވެއެވެ.

އައިވަރީ ކޯސްޓް އިން 2024 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައިވަނީ އެ މުބާރާތުގެ ތެރޭގައި ކޯޗު ކަމާއި ހަވާލުވި, އައިވަރީ ކޯސްޓްގެ ކުރީގެ މިޑްފީލްޑަރ އެމާސް ފާޔޭގެ އިރުޝާދުގެ ދަށުންނެވެ. އުމުރުން 42 އަހަރުގެ ފާޔޭ ވެފައިވަނީ މުބާރާތެއްގެ ތެރެއިން ކޯޗު ކަމާއި ހަވާލުވެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ކޯޗަށެވެ.

ފާޔޭގެ އިރުޝާދުގެ ދަށުން މިދިޔަ 2025 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިވަރީ ކޯސްޓް ވަނީ ޖުމްލަ 15 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 11 މެޗުން މޮޅުވެ, 2 މެޗުން ބަލިވެފައިވާއިރު 2 މެޗު ވަނީ އެއްވަރުވެފަ އެވެ. އައިވަރީ ކޯސްޓް ބަލިވެފައިވަނީ އެކުވެރިކަމުގެ މެޗެއްގައި ސައުދި އަރަބިއްޔާ އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން 2025 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓަރ ފައިނަލުގައި އިޖިޕްޓް އަތުންނެވެ.

އައިވަރީ ކޯސްޓް އިން އެކުއަޑޯ އާއި ދެކޮޅަށް މި ފަހަރުގެ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް ނިކުންނައިރު, އެ ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ ތެރޭގައި އިވާން އެންޑިކާ އާއި ކެޕްޓަން ފްރެންކް ކެސީގެ އިތުރުން އަމަދް ޑިއާލޯ ފާހަގަކޮށްލެވެ އެވެ.

އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ކުރިއަށްދާ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް އައިވަރީ ކޯސްޓް އިން ނިކުންނައިރު މީގެ ކުރިން ވޯލްޑްކަޕްގައި އެ ޓީމުން ވަނީ ޖުމްލަ 9 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު އެއް މެޗު އެއްވަރުވެ ފަސް މެޗުން ވަނީ ބަލިވެފަ އެވެ.

ފަސްވަނަ ފަހަރަށް ވޯލްޑްކަޕްގައި އެކުއެޑޯ އިން ވާދަކުރާއިރު, އެ ޓީމަށް މިހާތަނަށް ވޯލްޑްކަޕްގައި ހޯދިފައިވާ އެންމެ ރަގަޅު ނަތީޖާ އަކީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑްކަޕްގެ ދެވަނަ ބުރުން ފުރުސަތު ހޯދުމެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓަރ ފައިނަލުން 2024 ވަނަ އަހަރު އެކުއަޑޯ ކެޓުމާއިއެކު އޭރު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ސްޕެއިންގެ ފެލިކްސް ސަންޗޭޒް މަގާމުން ދުރުކޮށް އާޖެންޓީނާގެ ޒުވާން ކޯޗު ސެބަސްޓިއަން ބެކަޗޭސޭ ވަނީ ކޯޗަކަށް ހަމަޖައްސާފަ އެވެ. ސްޕެއިންގެ އެލްޗޭ އަށް ކޯޗުކޮށްދެމުންދިޔަ ބެކަޗޭސޭ އެ މަގާމަށް އައްޔަން ކުރުމާއިއެކު އޭނާ ވަނީ އެކުއަޑޯގެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ވޯލްޑްކަޕް ކޮލިފައިން އާއި ކުރިމަތިލާފަ އެވެ.

ވޯލްޑްކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ބައްރުގައި ކުޅުނު މެޗުތަކުން ދުނިޔޭގެ ޗެމްޕިއަން, އާޖެންޓީނާގެ ފަހަތުން ދެވަނައިގައި އޮވެ އެކުއަޑޯ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކުރިއިރު އެ ޓީމުން ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު މަތިން ހޯދާފައިވާ ބްރެޒިލް އާއި އުރުގުއޭގެ އިތުރުން ކޮލަމްބިއާ އާއި ޕެރަގުއޭ ފަދަ ދެކުނު އެމެރިކާގެ ވަރުގަދަ ޓީމުތައް ފަހަތަށް ޖައްސާލާފަ އެވެ.

ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދޭގެން ކުޅެމުންދާ އެކުއަޑޯ އިން ކޮލިފައިންގައި ކުޅުނު 18 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ 2 މެޗުންނެވެ. އަށް މެޗުން މޮޅުވެފައިވާއިރު އަށް މެޗު ވަނީ އެއްވަރުވެފަ އެވެ.

އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ކުރިއަށްދާ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް އެކުއަޑޯ މިރޭ ނިކުންނައިރު އެ ޓީމުން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ނިއު ޒިލޭންޑާއި ސައުދި އަރަބިއްޔާ އަދި ގުއަޓެމާލާ އަތުން މޮޅުވެފައިވާއިރު މޮރޮކޯ އާއި ނެދަލޭންޑްސް އާއި ދެކޮޅަށް ކުޅުނު ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.

އެކުއަޑޯ މިރޭގެ މެޗަށް ނިކުންނައިރު އެ ޓީމުގައި ތިބި ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޕީއެސްޖީގެ ވިލިއަމް ޕާޗޯ އާއި ޗެލްސީގެ މޮއިސެސް ކައިސޭޑޯގެ އިތުރުން ކެޕްޓަން އެނާ ވެލެންސިއާ ހިމެނެ އެވެ.