ޚަބަރު

އާބާދީ ބޮޑުނުކުރުމުގެ ސިޔާސަތާއި ސްވިޓްޒަލެންޑު ރައްޔިތުން ދެކޮޅު


ސްވިޒަލެންޑްގެ އާބާދީ 10 މިލިއަނަށް ވުރެ މަތި ނުވާ ގޮތަށް ލިމިޓެއް ކަނޑައެޅުމަށް ރައްޔިތުންގެ މެދުގައި ނެގި ފެންނަނުފެންނަ ވޯޓުގައި އާބާދީ ވަކި މިނެއްގައި ހިފަހައްޓަން ނުފެންނަ ކަމަށް އެ ޤައުމުގެ ރައްޔިތުން ނިންމައިފިއެވެ.

ސްވިޒަލެންޑްގެ ކަނާތު ފިޔައިގެ ސްވިސް ޕީޕަލްސް ޕާޓީން އިސްވެ، އާބާދީ 10 މިލިއަންގައި ހިފެހެއްޓުމަށް ވަކާލާތު ކުރަމުން ދަނީ އެއަށް ވުރެ ބޮޑު އާބާދީއަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެ މިންވަރަށް އުމްރާނީ ވަޞީލަތްތައް ނެތް ކަމަށް ބުނެއެވެ. އަދި ކުށްކުރުމާއި ކުލި ބޮޑުވުން ފަދަ ކަންކަން ކޮންޓްރޯލްކުރަން ދަތިވާނެކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ސްވިޒަލެންޑަށް އެހެން ޤައުމުތަކުން މީހުން ހިޖުރަކުރުމާ ދެކޮޅަށް ވެސް އެ ޕާޓީން ވާހަކަ ދައްކާފައިވެއެވެ. އެ ޕާޓީން ހުށަހަޅާފައި ވަނީ 2050ވަނަ އަހަރު އަންނަ އިރު އާބާދީ 10 މިލިއަނަށްވުރެ އިތުރު ވިޔަ ނުދިނުމަށެވެ. ނަމަވެސް މިހާރު އާބާދީ ހުރި ނިސްބަތުން 2040ގެ އަހަރުތަކުގެ ކުރީކޮޅު އެ ޤައުމުގެ އާބާދީ 10 މިލިއަނަށް އަރާނެއެވެ.

ޖޫން މަހުގެ 14ވަނަ ދުވަހު ނެގި ވޯޓުގެ ނަތީޖާ ލަފާ ކުރެވޭ ގޮތުގައި އާބާދީ 10 މިލިއަނަށްވުރެ އިތުރު ވިޔަ ނުދިނުމަށް ތާއީދުކުރަނީ ވޯޓުލީ މީހުންގެ 45 އިންސައްތަ މީހުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދީފައި ވަނީ 55 އިންސައްތަ މީހުންނެވެ.

އާބާދީ ވަކި މިނެއްގައި ބަހައްޓާނަމަ އިޤްތިޞާދީ ގޮތުން ނޭދެވޭ އަސަރުތައް ކުރާނެކަމަށް ބުނެ ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ބޭރުން ހުނަރުވެރި މަސައްކަތްތެރިން ހޯދަން ދަތިވެ، ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދާ އޮންނަ ގުޅުން ހީނަރުވާނެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ. މިގޮތުން، ހޮޓާތައް ފަދަ ތަންތަނުގައި ގިނަ ޢަދަދަކަށް ބިދޭސީން މަސައްކަތް ކުރާއިރު، އެފަދަ ތަންތަން ހިންގުމަށް ދަތިވާނެ ކަމަށް ބުނެފައިވެއެވެ.

2002ވަނަ އަހަރުގެ ތެރޭގައި ވިލާތުގެ އިއްތިޙާދާއި އާއި ސްވިޒަލެންޑާ ދެމެދު މީހުން ހިޖުރަކުރުން ހުޅުވައިލުމާ ގުޅިގެން ސްވިޒަލެންޑުގެ އާބާދީ މިދިޔަ އަހަރުގެ ނިޔަލަށް ވަނީ 9.1 މިލިއަނަށް އިތުރުވެފައެވެ. 2002ވަނަ އަހަރާ ހަމައަށް ސްވިޱޒަލެންޑުގެ އާބާދީއަކީ 7.3 މިލިއަނެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ސްވިޒަލެންޑުގައި ދިރިއުޅޭ ޖުމްލަ އާބާދީގެ 28 އިންސައްތައަކީ ބިދޭސީންނެވެ.