ސިޔާސީ

ޕީޕީއެމް ހިންގަނީ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް- އަބްދުއްރަހީމް


ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް މިހާރު ހިންގަމުންދަނީ އެޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ މިހެން ވިދާޅުވީ، ޕީޕީއެމްގެ ކައުންސިލާއި ޕާލިމެންޓަރީ ޤްރޫޕާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ހިންގަމުންދަނީ ޕާޓީގެ ކޮންގްރެސްއިން ފާސްކޮށްފައިވާ އަސާސީ ޤަވާއިދާއި ޚިލާފަށްކަމަށާއި، އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ނަމަވެސް ޕާޓީގެ ރައީސްގެ ފަރާތުން އެކަމަށް އެއްވެސް އެއްބާރުލުމެއް ލިބިވަޑައިނުގަންނަވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިމައްސަލަތަކާ ހުރެ ޕާޓީގެ ހިންގުމަށް ވަރަށް ބޮޑަށް ހުރަސް އެޅި، ޕާޓީގެ ޙަރަކާތްތައް ހުއްޓިފައިވާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. 

ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ޕާޓީގެ ތެރޭގައި ޖެހިފައިވާ މައްސަލަ ހައްލުކުރުމަށް ޕާޓީގެ ރައީސް މައުމޫން އާއި ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީންގެ ކިބައިން އެދިވަޑައިގެންނެވިކަމަށެވެ. އަދި އެކަމަށް ރައީސް ޔާމީން އިޖާބަދެއްވާ، އެކަމާ ގުޅޭ މަޝްވަރާތައް އިއްޔެ ބޭއްވެވިކަމަށް ނިހާން ވިދާޅުވިއެވެ. ނަމަވެސް ރައީސް މަޢުމޫންގެ ކިބައިން އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށް ދެއްވާފައިނުވާކަމަށް ނިހާން ވިދާޅުވިއެވެ. 

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕަކީ ޕާޓީގައި މުހިންމު ގްރޫޕެއްކަމަށާ، އެއީ ދާއިރާތަކުގެ ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ، އަދި ޕާޓީގެ މައްސަލައާމެދު އެފަރާތްތަކަށް މަޢުލޫމާތުދޭންޖެހޭކަމަށްވެސް ނިހާން ވިދާޅުވިއެވެ. އެހެންކަމުން ޕާޓީގެ ރައީސް މިކަމަށް ވިސްނާވަޑައިގަންނަވަން ޖެހޭކަމަށް ނިހާން ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު މޫޒާ ޒަމީރު ވިދާޅުވީ، ޕާޓީގެ ކައުންސިލް ހުއްޓިފައި އޮތުމަކީ ޕާޓީގެ ޚަރަދުބަރަދާމެދުވެސް ސުވާލުއުފެދޭކަމެއްކަމަށެވެ. ސަބަބަކީ ކުރިމަތީގައި ކައުންސިލް އިންތިޚާބު އޮތްއިރު، ޚަރަދުކުރުމާއި، ބަޖެޓާއި، ކައުންސިލުން ފާސްކުރަންޖެހޭ މުހިންމުކަންކަން އެބަހުރިކަމަށާ، ކައުންސިލާ ނުލައި އެކަންކަން ކުރެވޭނަމަ އެއީ ސުވާލުއުފެދޭކަމެއްކަމަށެވެ. މިޙާރު އެ ޕާޓީގެ އޮފީހުން މިފަދަ ބައެއްކަންކަން ރާވާފައިހުރިއިރު، އެކަންކަމަކީ ކައުންސިލުން ބަލަންޖެހޭ ކަންކަންކަމަށާ، އަވަސް މުސްތަޤުބަލެއްގައި ކައުންސިލް ޖަލްސާއެއް ބާއްވަންޖެހޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާދާއިރާގެ މެމްބަރު އަލީ އާރިފްވެސް ވިދާޅުވީ ޕީޕީއެމް މިއަދު ހިންގަމުންދަނީ އެޕާޓީގެ އަސާސީޤައިދާ ޚިލާފަށްކަމަށެވެ. ޕާޓީގެ ކައުންސިލްގެ ބޮޑު އަޣުލަބިއްޔަތަކުން، ޕާޓީގެ ރައީސަށް ދަންނަވަމުން މިދަނީ، ކައުންސިލް ބައްދަލުވުމެއް ބާއްވަންކަމަށާ، އެހެންނަމަވެސް މިހާތަނަށްވެސް އެމަނިކުފާނު އެކަމަށް އިޖަބަނުދެއްވުމަކީ ހިތާމަހުރިކަމެއްކަމަށެވެ.