ޖަރުމަން – ކުރުސާއޯ
ސްޓޭޑިއަމް: ހިއުސްޓަން ސްޓޭޑިއަމް
މެޗު ފަށާ ގަޑި: 22:00
ޖަރުމަން
ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު މަތިން ހޯދާފައިވާ ޖަރުމަނުން މި ފަހަރުގެ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް މިރޭ މުބާރާތުގައި އަލަށް ވާދަކުރާ ކުރަސާއޯ އާއި ދެކޮޅަށް ނިކުންނައިރު މިއީ ވޯލްޑްކަޕްގައި އެ ގައުމުން ޖެހިޖެހިގެން ވާދަކުރާ 19 ވަނަ ފަހަރެވެ.
ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި އެންމެ ގިނައިން ކުޅެފައިވާ ޖަރުމަނުން މި ފަހަރުގެ މުބާރާތާއި ކުރިމަތިލަނީ އެންމެ ފަހުގެ ދެ ވޯލްޑްކަޕްގެ ވެސް ގްރޫޕް ސްޓޭޖުން ކަޓާފައިވާތީ މާޒީގެ އެ ހަނދާންތައް ފުހެލުމުގެ އަޒުމުގަ އެވެ.
ޖަރުމަނުގެ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި ގޯލުކީޕަރު މެނުއެލް ނޯޔާ, އެންޓޯނިއޯ ރުޑިގާ, ޖޯޝުއާ ކިމިޗް, ޖަމާލް މުސިއާލާ, ކައި ހަވަޓްޒް އަދި ލެރޮއި ސާނޭ ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެ އެވެ. ޖަރުމަނުގެ ސްކޮޑުގައި ހިމެނޭ 26 ކުޅުންތެރިންގެ ތެރެއިން 7 ކުޅުންތެރިން ފިޔަވާ ހުރިހާ ކުޅުންތެރިންނަކީވެސް ޖަރުމަނުގެ ބުންޑެސްލީގާގައި ކުޅޭ ކުޅުންތެރިންނެވެ.
ވޯލްޑްކަޕް ކޮލިފައިންގައި 4 ސެޕްޓެމްބަރ 2025 ގައި ސްލޮވާކިއާ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ޖަރުމަނުން މިހާތަނަށް ކުޅުނު 9 މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ.
މި ފަހަރުގެ ވޯލްޑްކަޕުން ޖަރުމަން ފުރުސަތު ހޯދާފައިވަނީ ޔޫރަޕްގެ ކޮލިފައިން ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ޖަރުމަން ވަނީ މޮޅުވެފަ އެވެ. ކޮލިފައިންގެ މެޗުތަކުގައި ނަގެލްސްމަން ވަނީ ޖަރުމަނުގެ މަޝްހޫރު ކުޅުންތެރިންތަކެއް ނުލާވެސް ގިނަ މެޗުތަކެއް ކުޅެފަ އެވެ.
ކޯޗު: ޖޫލިއަން ނަގެލްސްމަން
2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޖޫލިއަން ނަގެލްސްމަން ޖަރުމަނުގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ އޭރުގެ ކޯޗު ހެންސީ ފްލިކް މަގާމުން ދުރުކުރުމަށްފަހުގަ އެވެ. 2024 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް އޭނާ ކޯޗު ކަމާއި ހަވާލުވެފައިވަނީ އެ މުބާރާތުގެ ނިޔަލަށެވެ. ނަމަވެސް ޖަރުމަނުގެ ކޯޗު ކަމާއި މިހާތަނަށް ހަވާލުވި އެންމެ ޒުވާން ކޯޗުގެ ގޮތުގައި ހުރި ނަގެލްސްމަން ވަނީ ޖަރުމަނުގެ ކޯޗު ކަމުގެ މަގާމުގައި 2028 ގެ ނިޔަލަށް ހުރުމަށް ސޮއިކޮށްފަ އެވެ.
ކުރަސާއޯ
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް އަލަށް ކޮލިފައިވި ކުރަސާއޯ އިން މުބާރާތުގެ ފުރަތަމަ މެޗަށް މި ނިކުންނަނީ ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު މަތިން ހޯދާފައިވާ ޖަރުމަނާއި ދެކޮޅަށެވެ.
ކޮންކާކަފްގެ ކޮލިފައިންގެ ގްރޫޕް ބީގައި ކިންގްސްޓަން އާއި ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހު އެއްވަރުވުމާއިއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބި ކުރަސާއޯ އަށް ވޯލްޑްކަޕްގެ ޖާގައެއް ލިބިގެންދިޔައިރު, މިއީ ވޯލްޑްކަޕްގެ ތާރީޚުގައިވެސް މި މުބާރާތަށް ކޮލިފައިވި އެންމެ ކުޑަ ގައުމެވެ. ކުރަސާއޯގެ އާބާދީ އަކީ 150,000 އެވެ.
ކުރަސާއޯގެ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ނެދަލޭންޑްސްގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. އަދި މިއީ ގިނަ ދުވަސްތަކެއްވަންދެން އެޑްވޮކާޓްގެ އިރުޝާދުގެ ދަށުން ކޮލިފައިންގެ މެޗުތައް ކުޅެފައިވާ ކުޅުންތެރިންނެވެ.
ކޯޗު: ޑިކް އެޑްވޮކާޓް
ނެދަލޭންޑްސްގެ މަޝްހޫރު ކޯޗު ޑިކް އެޑްވޮކާޓްގެ އިރުޝާދުގެ ދަށުން ކުރަސާއޯ ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު, އެ ޓީމަށް އެންމެ ބޮޑު ފުރުސަތެއް ތަނަވަސްވެގެންދިޔައީ މި ފަހަރުގެ މުބާރާތް ދެކުނު އެމެރިކާގެ ތިން ގައުމު ކަމުގައިވާ އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާއިރު މި ތިން ގައުމަށްވެސް މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި ޖާގަ ލިބުމެވެ.
ކުރަސާއޯގެ ކޯޗު ކަމުގެ މަގާމުން ޑިކް އެޑްވޮކާޓް މި އަހަރުގެ ފެބްރުއަރީ މަހު އިސްތިއުފާ ދިނުމާއި ގުޅިގެން ނެދަލޭންޑްސްގެ ފްރެޑް ރަޓެން ވަނީ ކޯޗަކަށް ހަމަޖައްސާފަ އެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ދެ މެޗު ކުޅުމަށްފަހު ކުރަސާއޯގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ އެޑްވޮކާޓް އަލުން ކޯޗު ކަމަށް ގެނެސްފަ އެވެ.