ޚަބަރު

2.8 ކިލޯގެ ކޮކެއިން ރާއްޖެއިން އަތުލައިގެންފި


ރާއްޖެއައި ބޮލީވިއާ އަންހެނެއްގެ އަތުން 2.8 ކިލޯ ކޮކެއިން އަތުލައިގެންފިއެވެ. 

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ ރާއްޖެއަށް ޢާއްމުކޮށް އެތެރެނުކުރާ ބާވަތެއްގެ މަސްތުވާއެއްޗެއްކަމަށްވާ ކޮކެއިން ފެނިފައިވަނީ މިދިޔަމަހުގެ 26 ވަނަ ދުވަހު ބްރެޒިލްއިން ރާއްޖެ އައި ބޮލީވިއާގެ އަންހެނެއްގެ އަމަލުތައް ހުރި ގޮތުން އޭނާގެ ލަގެޖް ފާސްކުރުމުންކަމަށެވެ. މީގެ އިތުރުން މިމަހުގެ 10 ވަނަ ދުވަހު ރާއްޖެއައި ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން އޭނާގެ ލަގެޖް ފާސްކުރުމުން 840 ގްރާމް ހެރޮއިން ފެނިފައިވާކަމަށްވެސް ކަސްޓަމްސްއިން މަޢުލޫމާތުދެއްވައެވެ. 

img:http://s2.psmnews.mv/images/660x400/14763470904366.jpg|ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި

އަދި މިމަހުގެ 4 ވަނަ ދުވަހު ރާއްޖެ އައި ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖް ފާސްކުރުމުން 1.54 ކިލޯގެ ކެނަބިސް ފެނިފައިވާކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއްވައެވެ. ކަސްޓަމްސްއިން ވިދާޅުވީ މި 3 މައްސަލައިގައި ހިމެނޭ މީހުންނާއި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށެވެ. 

މަސްތުވާތަކެތި އަތުލައިގަތުމަށް ހިންގި ތަފާތު 3 އޮޕަރޭޝަނެއްގައި 25 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ކަސްޓަމްސްއިން އަތުލައިގަނެފައެވެ. މި އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަން ވަރަށްބޮޑަށް ލިބިފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.