ޚަބަރު

އޮސްޓްރޭލިއާއިން ތުރުކީ ބަލިކޮށް ގިނަ ބަޔަކު ހައިރާން ކޮށްލައިފި


  • އޮސްޓްރޭލިއާއިން މިމެޗު ކާމިޔާބު ކުރީ 2 ލަނޑު ސުން ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި އޮސްޓްރޭލިއާ އަދި ތުރުކީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އޮސްޓްރޭލިއާއިން ގިނަ ބަޔަކު ހައިރާން ކޮށްލައިފިއެވެ.

ވެންކޫވަރގެ ބީސީ ޕެލަސްގައި ކުޅުނު މިމެޗު އޮސްޓްރޭލިއާއިން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު ސުން ލަނޑުންނެވެ. ތުރުކީން ބޮޑަށް ހަމަލާއަށް އިސްކަން ދީގެން ކުޅުނު މިމެޗުގައި އެޓީމުން 30 ހަމަލާ އުފައްދާފައިވީ ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދިޔައީ އޮސްޓްރޭލިއާއިން މެޗުގެ ބޮޑުބައި ވަރުގަދައަށް ޑިފެންސް ކުރުމެވެ. އަދި އޮސްޓްރޭލިއާގެ ކީޕަރ ޕެޓްރިކް ބީޗްގެ ފަރާތުންވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިމެޗުގައި އޮސްޓްރޭލިއާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދީފައިވަނީ ނެސްޓޮރީ އިރަންކުންޑާއެވެ. މިލަނޑު އެޓީމުން ޖަހާފައިވަނީ ތުރުކީޔޭއިން މޮޅަށް ކުޅެ އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ދަނޑިވަޅެއްގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.

މިމެޗުގައި އޮސްޓޭލިއާއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޯނަރ މެޓްކަލްފްއެވެ. މިމެޗުގައި ތުރުކީޔޭއިން ނަތީޖާ ހަމަހަމ ކުރެވޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އޮސްޓްރޭލިއާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ދިފާއަށް އިސްކަންދީގެން ކުޅެމުންދިޔަ ޓީމަކަށް ކުރި ލިބިގެންދިޔަތަން ފެނިގެންދިޔަ ފުރަތަމަ މެޗެވެ. އަދި މިއީ ތުރުކީން ފަހަކަށް އައިސް ދައްކަމުންދާ ކުޅުމަށް ބަލާއިރު ގިނަ ބަޔަކަށް ހައިރާންކަން ގެނުވާނެ ނަތީޖާއެކެވެ.

މިގްރޫޕްގައި މިހާރު ކޮންމެ ޓީމެއް އެއް މެޗު ކުޅެފައިވާއިރު އޮސްޓްރޭލިއާގެ އިތުރުން މުބާރާތް ބާއްވާ އެއް ޤައުމު ކަމަށްވާ އެމެރިކާ މިވަނީ އެދެޓީމު ކުޅުނު މެޗު ކާމިޔާބު ކޮށްފައެވެ. މިގްރޫޕްގައި އޮސްޓްރޭލިއާ ދެން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހު އެމެރިކާ އަށެވެ. އެހެން ކަމުން މިއީ އަނެއްކާވެސް ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ މެޗަކަށް ވެގެންދާނެކަމަށް ބެލެވެއެވެ. އަދި ތުރުކީ ދެން ބައްދަލުކުރާނީ ޕެރަގުއާއީ އާއެވެ.