ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމްގެ ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި


3 ވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެވެ. 

ދިރާގުން ވަނީ، އިންވެސްޓްމެންޓް ފޯރަމްގައި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީއާ އެކު ސޮއިކޮށްފައެވެ. ސްޕޮންސަރޝިޕް އެގްރިމެންޓުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން  ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ. ދިރާގުގެ ފަރާތުން  ސޮއިކުރެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދުއެވެ. ފާއިތުވެ ދިޔަ ދެ އަހަރު ވެސް މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވާ އިރު، އެ ދެ ފަހަރުވެސް ދިރާގުން ވަނީ އެ ފޯރަމްތަކުގައި ބައިވެރިވެފައެވެ. 

މޯލްޑިވެސް އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކާއި ރާއްޖެއަށް ގެންނަން ބޭނުންވާ އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދިނުމަށް ބާއްވާ ފޯރަމެކެވެ. މިއަހަރުގެ އިންވެސްޓްމެންޓް ފޯރަމް ބާއްވަން ހަމަޖައްސާފައިވަނީ ނިއު ދިއްލީގެ ތާޖް ޕެލެސްގައެެވެ. މި ފޯރަމް ކުރިއަށްދާނީ ނޮވެމްބަރުމަހުގެ 21 އަދި 22 ވަނަ ދުވަހުއެވެ.