ވިޔަފާރި

ދަނޑުވެރިކަމުގެ މައުރަޒުން މުހިއްމު މަޢުލޫމާތުތަކެއް ފޯރުކޮށްދީފި


މިއަހަރުގެ ދަނޑުވެރިންގެ ދުވަހާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ދަރުބާރުގޭގައި ބޭއްވި ދަނޑުވެރިކަމުގެ މައުރަޒުގެ ތެރެއިން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް މުހިއްމު މައުލޫމާތުތަކެއް ފޯރުކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ. 

ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ތިން ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ކުރިއަށް ދިޔަ މިފެއަރގައި ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވި 12 ފަރާތަކުން ބައިވެރިވިކަމަށެވެ. އަދި މައުރަޒުގެ ތެރޭގައި ދަނޑުވެރިކަމާއި ގުޅުންހުރި މައުލޫމާތު ދެއްވުމުގެ ޚާއްސަ ސެޝަންތަކެއް ކުރިއަށް ގެންދެވިކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ދަނޑުވެރިންނަށާއި ކާބޯތަކެތި ވިއްކާ ފަރާތްތަކާއި އާންމުންނަށް ޚާއްސަކޮށް ބޭއްވެވި މައުލޫމާތު ދެއްވުމުގެ ސެޝަންތަކަކީ ކާމިޔާބު ސެޝަންތަކެއްކަމަށް މިނިސްޓްރީން ފާހަގަކުރައްވައެވެ. 

img:http://s2.psmnews.mv/images/660x400/14763372080473.jpg|ދަނޑުވެރިކަމުގެ މަޢުރަޒުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ދަނޑުވެރިކަން ކުރާ ފަރާތްތަކުން އުފައްދާ އެކިބާވަތްތައް މާކެޓްކުރުމާއި އެފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތައް އާންމުންނާ ހަމަޔަށް ފޯރުކޮށްދިނުމުގެ މަގެއް ހުޅުއްވައިދެއްވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވި މި މައުރަޒަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރާތްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ ޢަލީ އާމިރު ވިދާޅުވިއެވެ.

މިމައުރަޒުގައި ބައިވެރިވި ފަރާތްތަކުންވަނީ އެ ފަރާތްތަކުން ވިއްކާ ބާވަތްތައް މާކެޓްކޮށް އަދި ދަނޑުވެރިކަން އަލަށް ކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުވެސް ދީފައެވެ. މި މަޢުރަޒުގައި، ވިޔަފާރި އުސޫލުން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި ކާނާގެ ބާވަތްތައް އުފެއްދުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި އަދި ދައުލަތުގެ އެކި މުއައްސަސާތައް ބައިވެރިވިއެވެ.