ޚަބަރު

ހިފަހައްޓާފައިވާ އީރާނުގެ ފައިސާތަކެއް ޔޫއޭއީން ދޫކޮށްފި


ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ އީރާންގެ ގިނަ އަދަދެއްގެ ފައިސާތަކެއް އެކުވެރި ޢަރަބި ޢިމާރާތުން (ޔޫއޭއީ) ދޫކޮށްފައިވާ ކަމުގައި މަޞްދަރުތަކުން ބުނެފިއެވެ. މި ކަމުގެ މަޢުލޫމާތު މީޑިއާއާ ޙިއްޞާކޮށްފައި މި ވަނީ، އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުުން ކުރަމުންދާ މަޝްވަރާތަކުގައި ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމަށް ތެހްރާނުން ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ. މަޞްދަރުތަކުން ބުނީ، ޔޫއޭއީގައި ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިޔަން ޑޮލަރެއް ދޫކޮށްލުމަށް ނިންމުމަކީ، އެ ޤައުމުގެ ސިޔާސަތަށް ގެނެސްފައިވާ ޓެކްޓިކަލް ބަދަލެއް ކަމުގައެވެ.

މަޞްދަރުތަކުން ބުނީ، އަބޫ ދާބީއާއި ތެހްރާނާ ދެމެދު އެކުލަވައިލި އެއްބަސްވުމެއްގެ ދަށުން އީރާންގެ ފައިސާތަކެއް ދޫކޮށްފައި މި ވަނީ، ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގެ ފަހު މަރުޙަލާ ކުރިއަށް ދަނިކޮށް ކަމުގައެވެ. ޚާރިޖީ ދާއިރާގެ މާހިރުން ވިދާޅުވީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ހިފަހައްޓާފައިވާ އީރާނުގެ ތެލުގެ އާމްދަނީގެ ތެރެއިން އެތައް ބިލިޔަން ޑޮލަރެއް މި މަޝްވަރާތަކުގެ ދަށުން ދޫކޮށްލެވިގެންދާނެ ކަމުގައެވެ.

ނަން ހާމަކޮށްފައި ނުވާ ބައެއް މަޞްދަރުތަކުން ބުނީ، ހިފަހައްޓާފައިވާ ފައިސާގެ ތެރެއިން 10 ބިލިޔަން ޑޮލަރު ތެހްރާނަށް ދޫކުރުމަށް އަބޫ ދާބީން ނިންމާފައިވާއިރު، މިހާރު ވެސް އޭގެ ތެރެއިން ތިން ބިލިޔަން ޑޮލަރު ތެހްރާނާ ޙަވާލުކޮށްފައިވާ ކަމުގައެވެ. އެހެން މަޞްދަރުތަކުން ބުނީ، 20 ބިލިޔަން ޑޮލަރު ދޫކޮށްލުމަށް އަބޫ ދާބީގެ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. އަދި، އޭގެ ބަދަލުގައި ހަނގުރާމައިގެ ތެރެއިން އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ޔޫއޭއީއަށް ޙަމަލާދިނުން މުޅިން ހުއްޓައިލާނެ ކަމުގައެވެ. މި ފަދަ އެއްބަސްވުންތަކެއް އެކުލަވައިލުމަށް ތެހްރާނުން ގަލްފުގެ އިތުރު ދެ ޤައުމަކާއެކު މަޝްވަރާކޮށްފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.

ހިފަހައްޓާފައިވާ އީރާންގެ ފައިސާތަކެއް ދޫކޮށްލުމަށް ޔޫއޭއީން ނިންމާފައިވާ ކަމުގެ ރިޕޯޓުތައް އަބޫ ދާބީގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ބުނީ ހިފަހައްޓާފައިވާ އެއްވެސް ފައިސާއެއް ދޫކޮށްފައި ނުވާނެ ކަމުގައެވެ. ނަމަވެސް، މަސްރަޙު ފިނިކޮށް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ޔޫއޭއީން އެއްބާރުލުންދޭނެ ކަމުގައި ޔޫއޭއީގެ އޮފިޝަލަކު ކުރިން ވިދާޅުވެފައިވެއެވެ. ޔޫއޭއީން އީރާންގެ ފައިސާތަކެއް ދޫކޮށްފައިވާ ކަން ތެހްރާނުން އަދި ވޮޝިންގޓަނުން ވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.