ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ.
ޗެއަރޕާސަންގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ވޯޓުލުން ކުރިއަށް ގެންދިޔައީ، މިއަދު މެންދުރު 14:30 އިން މިރޭ 9:00 އާ ހަމައަށެވެ. މި އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔައިރު ދެ ރަށެއްގައި ދިމާވި މައްސަލަތަކާ ގުޅިގެން ވޯޓުނުލައެވެ. އެއީ، ފ.ފީއަލި އަދި ގދ. ފިޔޯރީގައެވެ.
މި އިންތިޚާބުގައި 3 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އެއީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމާއި އިބްރާހިމް މުޙައްމަދެވެ.
ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނާ ވާދަކުރައްވާ މީކާއިލްއަށް މިހާތަނަށް ލިބިވަޑައިގެންނެވީ، ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ވޯޓުގެ ދެބައިކުޅަ އެއްބައި ވޯޓެވެ.
އެހެންކަމުން މި އިންތިޚާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވާފައިވާކަމަށް ވަނީ ބެލެވިފައެވެ. މިއާއެކު އެމަނިކުފާނުގެ ކެމްޕޭން ޓީމާއި އެމަނިކުފާނަށް ތާޢިދު ކުރައްވާ ފަރާތްތަކުން ދަނީ، އާޓިފިޝަލް ބީޗުގައި އުފާ ފާޅުކުރަމުންނެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ހުސްވެފައިވަނީ، އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަޤާމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.