ޚަބަރު

ބޮޑުތަކުރުފާނު މަގު: އައު ނަރުދަމާއާއި ފެނުގެ މަސައްކަތް ނިމިއްޖެ


  • އެއްގަމުތޮށީގެ 463 މީޓަރުގެ ކެޕިން މަސައްކަތް ނިމިފައި

  • އެއްގަމުތޮށީގެ 150 މީޓަރު ކޮންކްރީޓް މަސައްކަތް ނިމިފައި

  • އަންނަ މަހު މަޝްރޫޢު ނިންމުމަށް މަސައްކަތް ކުރަނީ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، އައު ނަރުދަމާއާއި ފެނުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދެވެ. އެއީ، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދެވެ.

މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ، ސެގްމެންޓް 2، 3 އަދި 4ގެ މަސައްކަތްތަކެވެ. މި މަސައްކަތްތަކުގެ ތެރެއިން އައު ނަރުދަމާ އަދި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

އެމްޓީސީސީން ވިދާޅުވީ، ބޮޑުތަކުރުފާނުމަގުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށީގެ 463 މީޓަރުގެ ކެޕިން މަސައްކަތާއި، 150 މީޓަރު ކޮންކްރީޓް އެޅުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ.

މަގު ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މަގުގެ ފަރުމާއަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޒަމާނީ ބަދަލުތަކާއެކު ތާރުއަޅާ މަގު ތަރައްޤީ ކުރާއިރު، އެންމެ ބޮޑު އެއް ފަސޭހައަކަށްވަނީ މަގު އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމެވެ. އައު ފަރުމާގެ ދަށުން މަގުން ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާނެއެވެ.

ފަހަރަކު ބައެއް ހިމެނޭހެން މަގު ބަންދުކޮށް، ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދަށް އެންމެ ބޮޑު ބަދަލެއް އަންނާނީ، މަގުގެ ތިންވަނަ ސެގްމަންޓަށެވެ. އެ ސަރަޙައްދުގައި މަގުން ބޭރަށް ބައެއް ހިއްކާ ބޮޑު ޕާކިންގ ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.

އެތަނުގައި 500 ސައިކަލު ޕާކު ކުރާނެ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިން ޒޯނަށް ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ.

އެމްޓީސީސީން މަސައްކަތް ކުރައްވަނީ، އަންނަމަހުގެ ކުރީކޮޅު މަގުގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމަށެވެ. މަގުގެ މަސައްކަތްތައް ނިމުމާއެކު މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމާމެދު ޝައްކެއްނެތެވެ.