ޚަބަރު

ހެލިިކޮޕްޓަރެއް ވައްޓާލި ކަމަށް ބުނެ އެމެރިކާގެ ހަމަލާތަކެއް އީރާނަށް


ހުރްމުޒް ކަނޑުއޮޅި ސަރަޙައްދުން އީރާނުން އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާ ކަމަށް ބުނެ އެމެރިކާއިން އީރާނަށް އަނެއްކާ ވެސް ހަމަލާ ދޭން ފަށައިފިއެވެ. މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކުގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އީރާނުގެ ވައިގެ ދިފާޢީ ނިޒާމަށާއި ހުރްމުޒް ކަނޑުއޮޅި ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ރާޑަރު ސައިޓުތަކާއި އެހެން އަސްކަރީ މަރުކަޒުތަކަށް އެ ޤައުމުން ހަމަލާ ދީފައިވާ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެ ހަމަލާތަކަކީ އީރާނާ ދެކޮޅަށް ދީފައިވާ ވަރުގަދަ ހަމަލާތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ނަމަވެސް އީރާނުގެ ދައުލަތުގެ މީޑިޔާއިން އެ ޤައުމުގެ އަސްކަރިއްޔާއާ ހަވާލާދީ ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅީގައި އީރަނުން އެއްވެސް ވައިގެ އަސްކަރީ އޮޕަރޭޝަނެއް ހިންގާފައި ނުވާ ކަމަށެވެ. އެ ނޫހުން ވަނީ ހުރްމުޒް ކަނޑުއޮޅިގައި އޮންނަ އެ ޤައުމުގެ ޖަޒީރަތުލް ޤިޝްމް އަދި ސީރީކްއަށް ހަމަލާތައް އަމާޒުވި ކަމަށް ބުނެފައެވެ. އެ ހަމަލާތަކުގެ ރައްދެއްގެ ގޮތުގައި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް އީރާނުން ހަމަލާ ދީފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު، އައިއާރުޖީސީން ބުނީ އެ ޤައުމުން ބަޙްރައިންގައި އޮތް އެމެރިކާގެ ފިފްތު ފްލީޓްގެ މަނަވަރުތަކަށް ޑްރޯން ހަމަލާތައް ދީފައިވާ ކަމަށެވެ. އެމެރިކާއިން އިތުރަށް ހަމަލާތައް ދޭނަމަ އީރާނުން މިހާރަށްވުރެ މާ ވަރުގަދަ ހަމަލާތައް ރައްދުގައި ދޭނެ ކަމުގެ އިންޒާރު އައިއާރުޖީސީއިން ދީފައިވެެއެވެ.

ބަޙްރައިންއިން ވެސް ވަނީ އެ ޤައުމަށް ހަމަލާތަކެއް އަމާޒުވި ކަން ކަށަވަރުކޮށްދީފައެވެ. އެ ޤައުމުގެ ދާޚިލީ ވުޒާރާ އިން ބުނީ އިންޒާރުގެ ރަނގަބީލު އިއްވާފައިވާ ކަމަށާއި ޢާންމުން ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް އިރުޝާދު ދީފައިވާ ކަމަށެވެ. އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުން ހަމަލާތައް ހުއްޓުވާފައިވާ ކަމަށް ބަޙްރައިންގެ ރަސްގެފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އެމެރިކާއިން އީރާނަށް ހަމަލާ ދީފައިވާއިރު ޔަހޫދީން ވަނީ ލުބުނާނަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ގޮތުން ދެކުނު ލުބުނާނުގެ ޞޫރުއަށް ދިން ހަމަލާއެއްގައި 8 މީހުން ޝަހީދުކޮށްލާފައިވެއެވެ. ލުބުނާނަށް ހަމަލާ ދިނުން ހުއްޓައިލުމަށް ޔަހޫދީން ދެކޮޅު ހަދަމުންދާއިރު، އެއީ މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ޞުލްޙަ ޤާއިމްކުރެވޭނީ ޔަހޫދީން ލުބުނާނަށް ވެސް ހަމަލާ ދިނުން ހުއްޓައިލުމުން ކަމަށް އީރާނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.