ޚަބަރު

އިންގްލެންޑަކީ ފެވަރިޓެއް ނޫން: ޓުޗެލް


  • "ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ ދެކެމުންދާ ހުވަފެނެއް"

  • "ކާމިޔާބީ ލިބޭނީ ބުރަކޮށް މަސައްކަތްކޮށްގެން"

ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އިންގްލެންޑްގެ ޓީމަކީ މުބާރާތުގެ ފޭވަރިޓެއް ނޫންކަމަށް އިންގްލެންޑްގެ ކޯޗު ޖަރުމަނުގެ ތޯމަސް ޓުޗެލް ބުނެފި އެވެ.

މި ފަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރާނެކަމަށް ގަބޫލުކުރެވޭ ޓީމުތަކުގެ ތެރޭގައި އިންގްލެންޑް ހިމެނޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް ޓުޗެލް ބުނެފައިވަނީ އެއީ އޭނާ ގަބޫލުކުރާ ގޮތެއް ނޫން ކަމަށެވެ.

"އިންގްލެންޑަކީ މުބާރާތުގެ ފޭވަރިޓެއް ނޫން ނަމަވެސް މުބާރާތުގެ ތަށި ނެގުމަކީ ދެކެމުންދާ ވަރަށް ބޮޑު ހުވަފެނެއް." ޓުޗެލް ބުންޏެވެ.

"އިންގްލެންޑް އިން ވޯލްޑްކަޕް ކާމިޔާބުކުރެވިނުވާތާ އެތަކެއް އަހަރެއް ވެއްޖެ. އަދި މި މުބާރާތް އެތަކެއް ފަހަރު ކާމިޔާބުކޮށްފައިވާ ޓީމުތަކެއް އެބަތިބި. އެހެންކަމުން އިންގްލެންޑް އަކީ ފޭވަރިޓުންނެކޭ އަހަރެން ނުބުނާނަން." ޓުޗެލް އިތުރަށް ބުންޏެވެ.

1966 ވަނަ އަހަރަށްފަހު ފީފާ ވޯލްޑްކަޕް ކާމިޔާބު ކުރެވިފައިނުވާ އިންގްލެންޑް އިން މި މުބާރާތާއި ފަހަކަށް އައިސް ކުރިމަތިލާފައިވާ ކޮންމެ ފަހަރަކީވެސް މުބާރާތުގެ ފެވަރިޓުންގެ ލިސްޓުގައި ހިމެނޭ ފަހަރެކެވެ.

ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ޓުޗެލް ޓީމަކަށް އިރުޝާދު ދޭއިރު, އޭނާ ބުނެފައިވަނީ ޗެމްޕިއަންސް ލީގުގައި އޭނާގެ ތަޖުރިބާ އަކީ މި ފަދަ މުބާރާތަކަށް ނިކުންނައިރު އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

ޓުޗެލް އިތުރަށް ބުނެފައިވަނީ މިފަދަ މުބާރާތެއްގައި ކާމިޔާބީ ލިބޭނީ ބުރަ މަސައްކަތަކާއިއެކު ޒިންމާ އަދަކޮށްގެން ކަމަށެވެ.

އިންގްލެންޑް ހިމެނޭ ގްރޫޕް އެލް ގައި ދެން ހިމެނެނީ ކްރޮއޭޝިޔާ އާއި ޕެނަމާގެ އިތުރުން ގާނާ އެވެ. އެހެންކަމުން މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް އިންގްލެންޑް ކޮލިފައިވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.