ޚަބަރު

އެންމެ ބޮޑީ ދީނާއި ޤައުމުގެ ދިފާޢުގައި ވެވޭ ޤުރުބާނީ- ރައީސް


އެންމެ މަތިވެރި ޤުރުބާނީއަކަށް ވެގެންދާނީ ޤައުމުގެ ދިފާޢުގައި، ވަޠަނުގެ ދިފާޢުގައި، އަދި ދީނުގެ ދިފާޢުގައި އެމީހެއްގެ ނަފުސާއި ހަށިގަނޑު ޤުރުބާންކުރުން ކަމަށާއި، މިއަށްވުރެ މަތިވެރި ޤައުމީ ވާޖިބެއް އަދި މަސްޢޫލިއްޔަތެއް ނޯންނާނެ ކަމުގައި ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 62 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ބަންޑާރަކޮށީގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންގެ އެންމެ އިސް ވާޖިބަކަށް ވާނީ އިސްލާމްދީން ދިފާޢުކުރުން ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު އަމިއްލަ ވެރިކަމެއް ދިފާޢު ކުރުމާއި ހިމާޔަތްކުރުމަކީ ސިފައިންގެ މައްޗަށް ޤާނޫނު އަސާސީން މަތިކުރާ އެންމެ ވަރުގަދަ ޒިންމާ އާއި މަސްޢޫލިއްޔަތު އަދި އަމާނާތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އަމިއްލަ ވެރިކަމެއް ދިފާޢުކުރުމަކީ ޤައުމުގެ ސިޔާދަތު ހިމާޔަތްކޮށް، އަދާވާތްތެރިންގެ މައްޗަށް ގަދަވެގަނެ، އަދާވާތްތެރިންގެ ފަރާތުން ޤައުމު ދިފާޢުކުރުން ކަމުގައިވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14762731501383.jpg|އެމްއެންޑީއެފްގެ 62 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިފައިންނަކީ އަބަދުވެސް ސިފައިންގެ ތެރޭގައި އެކަށައަޅާފައި އޮންނަ ކޯޑް އޮފް އެތިކްސް އާއި، އަދި ސިފައިންގެ ކޮމާންޑަރުން ދޭ އަމުރުތަކަށް ފުރިހަމައަށް ކިޔަމަން ވާންޖެހޭނެ ބައެއްކަން ހަނދާންކޮށްދެއްވިއެވެ. އަދި، ސިފައިންނަކީ ޚާއްޞަ އަޚްލާޤަކާއި ޚާއްޞަ ސިފަތަކެއް ހިމެނޭ ބަޔަކަށް ވާތީ، ޤާނޫނުއަސާސީގައި ސިފައިންގެ މައްޗަށް މަތިކުރާ ވަރަށް ވަރުގަދަ ޒިންމާތަކެއް ކަނޑައެޅިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ތަމްރީން ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދެވެ. މިރަސްމިއްޔާތުގައި ‏މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި، ‏‏ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.