ވިޔަފާރި

ޖޮއިންޓް ޓްރޭޑް ކޮމިޓީގެ 2 ވަނަ ބައްދަލުވުން މިއަދު ފަށައިފި


ތައިލެންޑާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އުފައްދާފައިވާ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ 2 ވަނަ ބައްދަލުވުން މިއަދު މާލޭގައި ފަށައިފިއެވެ.  

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި މާދަމާ ކުރިއަށްދާނީ ދެ ޤައުމުގެ މިނިސްޓަރުންގެ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ތައިލޭންޑްގެ މިނިސްޓަރ އޮފް ކޮމާރސް، އަޕިރާދި ޓަންޓްރަޕޯންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ތައިލޭންޑާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެގްރީމެންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯރޕަރޭޝަންގެ ދަށުން އުފައްދާފައިވާ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވަވާފައިވަނީ 2013 ވަނަ އަހަރު ތައިލެންޑްގައެވެ.

ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ބައްދަލުވުމުގެ ފުރަތަމަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ޤައުމުގެ އިސް އޮފިޝަލުންގެ ބައްދަލުވުމެވެ. އަދި މާދަމާ ކުރިއަށްދާނީ 2 ޤައުމުގެ މިނިސްޓަރުންގެ ބައްދަލުވުން ކަމަށްވާއިރު، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ތައިލޭންޑްގެ މިނިސްޓަރ އޮފް ކޮމާރސް، އަޕިރާދި ޓަންޓްރަޕޯން މިއަދުވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ.

މިއަދު ކުރިއަށްދާ ޖޮއިންޓް ކޮމިޓީގެ ބައްދަލްވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ އަޚުމަދު އިފްތިޙާރު ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، މިނިސްޓަރުންގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

އެެގޮތުން މި ބައްދަލުވުމުގައި، ރާއްޖޭގެ އިޤްތިސާދާއި ގުޅޭގޮތުންނާއި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުމާއި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އިފްތިޙާރު ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14762691364100.jpg|ތައިލެންޑާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން އުފައްދާފައިވާ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ދެވަނަ ބައްދަލުވުން - ފޮޓޯ: ޕީއެސްއެމް

ތައިލޭންޑްގެ މިނިސްޓަރ އޮފް ކޮމާރސް، އަޕިރާދި ޓަންޓްރަޕޯންގެ އަރިހުގައި އެ ޤައުމުގެ ވިޔަފާރިވެރިންގެ ވަފުދެއްވެސް ރާއްޖެ އައިސްފައިވެއެވެ.

ތައިލޭންޑްގެ އެކްސްޕޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ 30 ކުންފުންޏަކުން އެ ކުންފުނިތަކުން އެކްސްޕޯޓުކުރާ ތަކެތީގެ ޑިސްޕްލޭތަކާއިއެކު މާދަމާ ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ދިވެހި ވިޔަފާރި ވެރިންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތައިލެންޑުގެ ވިޔަފާރީގެ ޑެލިގޭޝަނާއި ބައްދަލުކޮށްލުމުގެ ފުރުސަތު އާންމުކޮށްވަނީ ހުޅުވާލެވިފައި ކަމަށާއި، މި ބައްދަލުވުމުގައި ބައިވެރިވާ ތައިލެންޑްގެ ކުންފުނިތަކުގެ ނަންތައް އަދި އެފަރާތްތަކުން ކުރައްވާ ވިޔަފާރީގެ ކުރު ތަޢާރަފެއް ހިމެނޭ ޝީޓެއް އެ މިނިސްޓްރީގެ ވެބްސައިޓު، www.trade.gov.mv އިން ލިބިވަޑައިގަންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.