ޚަބަރު

އައިޓީ އެޕްލިކޭޝަން އުފައްދާ މުބާރާތުގެ ސުންގަޑި އިތުރުކޮށްފި


އައިޓީ ދާއިރާއިން، އެޕްލިކޭޝަން އުފައްދާ ފަރާތްތަކުގެ މެދުގައި ބާއްވާ މުބާރާތަށް އެޕްލިކޭޝަންސް ހުށަހެޅުމުގެ މުއްދަތު މި ހަފްތާގެ ނިޔަލަށް އިތުރުކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެޕްލިކޭޝަން ހުށައެޅުމަށް ހުޅުވާލި މުއްދަތު އިތުރުކުރެއްވީ ބޭނުންވާ ޢަދަދަށް މީހުން ބައިވެރިވެފައި ނުވާތީ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ 4 ފަރާތުން ކަމަށެވެ.

އިންޑިއާގައި އަންނަ ނޮވެމްބަރު މަހު ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގެ އައިޓީ ދާއިރާގައި މަސައްކަތްކުރާ 5 ފަރާތެއް ބައިވެރިކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަނީސް ވިދާޅުވީ، މި ހަފްތާގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެޕްލިކޭޝަންތައް ހުށަހެޅުން މަދުވަނީ ވަގުތު ކުޑަވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އައިޓީ އެޕްލިކޭޝަން މުބާރާތަށް 4 ދާއިރާއަކުން އެޕްލިކޭޝަން ހުށައެޅުމަށް ފުރުސަތު ވަނީ ހުޅުވާލައްވާފައެވެ. މި ދާއިރާތަކަކީ ޓޫރިޒަމް، އެޑިޔުކޭޝަން، ފިޝަރީޒް އެންޑް އެގްރިކަލްޗަރ ސިއްހީ އަދި އޯޕަން ސެކްޓަރެވެ.