ޚަބަރު

ލުބުނާނަށް ޙަމަލާ ނުދިނުމަށް ޝަރުތުކޮށް އީރާނުން ޙަމަލާތައް މެދުކަނޑާލައިފި


ޔަހޫދީން ލުބުނާނަށް އިތުރަށް ޙަމަލާ ދީފި ނަމަ އަލުން ޙަމަލާތައް ފަށާނެ ކަމުގެ އިންޒާރާއެކު އީރާނުން ޔަހޫދީންނަށް ދެމުންދިޔަ ޙަމަލާތައް މެދުކަނޑާލައިފިއެވެ.

ޔަހޫދީން ދެކުނު ލުބުނާނަށް ޙަމަލާތައް ދެމުންދާތީ އީރާނުން ވަނީ ލުބުނާނުގެ ދިފާޢުގައި ޖޫން މަހުގެ 8ވަނަ ދުވަހު ޔަހޫދީންނަށް ޙަމަލާ ދޭން ފަށައިފައެވެ. އެ ޙަމަލާތަކާއެކު ޔަހޫދީން ވެސް ވަނީ އީރާނަށް ޙަމަލާތައް ދީފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވާ ޙަމަލާތަކަކީ މެދުއިރުމަތީގެ ހަނގުރާމަ މެދުކަނޑައިލުމަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެއްބަސްވި ފަހުން ބަދަލުކޮށްފައިވާ އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ. އެ ޙަމަލާތަކާއެކު ދާއިމީ ގޮތަކަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތަށް ވަނީ އައު ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ދެ ފަރާތުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

އީރާނުގެ އަސްކަރިއްޔާއިން ބުނީ ޔަހޫދީން ލުބުނާނަށް ދެމުންދިޔަ ޙަމަލާތަކުގެ ރައްދުގައި އެ ޤައުމުން ވަރުގަދަ ރައްދެއް ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ޤައުމުން ދެމުންދިޔަ ޙަމަލާތައް މިހާރު މެދުކަނޑާލާފައިވާ ކަމަށާއި، ޔަހޫދީން އިތުރަށް ޙަމަލާތައްދީ ދުއްތުރާ ކުރާނަމަ އަލުން ޙަމަލާތައް ދޭން ފަށާނެ ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ. ދެން ދޭ ޙަމަލާތައް އެންމެ ފަހުގެ ޙަމަލާތަކަށް ވުރެ މާ ވަރުގަދަވެފައި ގެއްލުން ބޮޑުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި ޔަހޫދީން ވެސް މިހާރު ވަނީ އީރާނަށް ޙަމަލާ ދިނުން މެދުކަނޑައިލުމަށް ނިންމާފައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢިލް ބަޣާއީ ވިދާޅުވީ އީރާނުން އެމެރިކާއާއެކު މި ވަގުތު މުއާމަލާތު ކުރަމުންދަނީ ގިނަ ޝައްކުތަކާއި ވަހުމްތަކާ އެކުގައި ކަމަށެވެ. ޔަހޫދީން ލުބުނާނަށް ޙަމަލާތައް ދިނީ އެމެރިކާއަށް އެނގިގެން، އެމެރިކާގެ އިޛުނައާ އެކުގައި ކަމުގައި ވިޔަސް ނުވަތަ ނުވިޔަސް، އެ ޙަމަލާތަކަކީ ޞުލްޙަ ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.