ޚަބަރު

ދިވެހި ލީގު ކޮލިފައިން: ގްރީނާއި ހުރާ އެއްވަރު


  • މިއީ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗު

  • މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން

އަންނަ ސީޒަނުގެ ދިވެހި ލީގުގެ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި، ކ. ހުރާ އަދި ކްލަބް ގްރީން ސްޓްރީޓްސް އެއްވަރުވެއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ.

ވަރަށް ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ގްރީޏް ސްޓްރީޓްސް އިންނެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި، ޔަޝާއު ބިން އަލީ ނަޝީދު، ހުރާގެ ހާފްގެ މެދެއްހައި ހިސާބުން އަރިމަތިން ލިބުނު ހިލޭޖެހުމެއްގައި ނަގައިދިން ހުރަހުން ތަނަވަސްވި ފުރުސަތެއްގައި، ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުޒާމް ހަމީދެވެ.

މި ހާފު ނިމުމުގެ ކުރިން ހުރައަށް ވަނީ ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ހުރާގެ އަޙްމަދު ފައުޒާން ވަރަށް ބާރަށް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއަށް ހުރަސްއެޅީ ގްރީންގެ ކީޕަރު، ޔަނާލް މުނީޒެވެ.

ލީޑުގައި އޮވެ ގްރީންއިން ދެވަނަ ހާފު ފެށި ނަމަވެސް މި ހާފުގައި، މެޗުގެ 64 ވަނަ މިނެޓުގައި ހުރައިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ހުރާގެ ބިދޭސީ ދެ ކުޅުންތެރިން ގުޅިގެން ކުރި މަސައްކަތުގައި، ޑީއޭރިއާ ތެރެއިން ގްރީންގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ބޯޅަ ހިފައިން އޭރިއާ ތެރެއަށް ވަދެ، ގްރީންގެ ޑިފެންސްލައިން ފޫއަޅުވާލައި ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން މި ލަނޑު ހުރާއަށް ކާމިޔާބުކޮށްދިނީ ސާދު އަބްދުލް އަޒީޒެވެ.

މި ހާފުގައި ވެސް ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދިވެހި ލީގުގެ ކޮލިފައިން މި މެޗާއެކު ފެށުނުއިރު، ހުރާއިން ކޮލިފައިންގެ ޖާގަ ހޯދީ ސެންޓްރަލް ޒޯނުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އަދި ގްރީން ކޮލިފައިންގައި ކުޅެންޖެހުނީ ނިމުނު ސީޒަނުގެ ލީގު ތާވަލުގައި ރެލިގޭޝަން ޕްލޭއޮފްގައި ދަރަޖަ ކުރެވުމުންނެވެ.

ކޮލިފައިންގައި ހުރާއަށް ކުރިއަށް ދެން އޮތީ ސައުތު ރީޖަންގެ ޗެމްޕިއަން، ގދ. ގައްދޫއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ގްރީންއަށް އޮތީ ދެވަނަ ޑިވިޝަން ނުވަތަ މާލެ ރީޖަންގެ ޗެމްޕިއަން، ބިސްބުރާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. މި ދެ މެޗު ވެސް އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.