އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ރޭ ޔޫކްރޭން އާއި ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގައި ޑެންމާކްގެ ކެޕްޓަން ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ވެއްޓިއްޖެ އެވެ.
2021 ވަނަ އަހަރު ކުރިއަށް ގެންދިޔަ ޔޫރޯ 2020 ގައި ފިންލޭންޑް އާއި ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގައި އެރިކްސަން ދަނޑު މައްޗަށް ވެއްޓި އޭނާއަށް ވަނީ ދަނޑު މަތީގައި ފަރުވާ ދީފަ އެވެ. އަދި އޭގެ ފަހުން އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައިވަނީ އޭނާގެ ހިތަށް ޕޭސްމޭކަރެއް ލައްވައިގެންނެވެ.
ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގެ 65 ވަނަ މިނިޓުގައި އުމުރުން 34 އަހަރުގެ އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުމާއިއެކު އޭނާއަށް ޑެންމާކްގެ މެޑިކަލް ޓީމުން ވަނީ އަވަސް ފަރުވާ ދީފަ އެވެ. ރެފްރީ ކުޅުން ހުއްޓާލުމާއިއެކު ދެ ޓީމުގެ ކުޅުންތެރިން ވަނީ އެރިކްސަން އަށް ފަރުވާ ދޭ މަންޒަރު ވީޑިއޯ ނުކުރެވޭގޮތަށް ވަށް ބުރެއް ހަދާފަ އެވެ.
ޑެންމާކްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ އުމުރުން 34 އަހަރުގެ އެރިކްސަން އަށް ފަރުވާ ދިނުމާއިއެކު އޭނާގެ ހާލަތު ރަގަޅުވި ކަމަށާއި ނަމަވެސް މިކަން ކުރިމަތިވި ސަބަބު ދެނެގަތުމަށް އިތުރު ޓެސްޓްތަކެއް ހަދާނެ ކަމަށެވެ.
2021 ވަނަ އަހަރުވެސް ފުޓްބޯޅަ މެޗެއް ކުޅެނިކޮށް އެރިކްސަން ފުރަތަމަ ފަހަރަށް ދަނޑު މައްޗަށް ވެއްޓިފައިވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އެއަށްފަހު އޭނާގެ ހިތަށް ލެއްވި ޕޭސްމޭކާ އާއިއެކު އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އައިސްފައިވަނީ ހަ މަސް ފަހުންނެވެ.
އެރިކްސަން ވަނީ އިޓަލީގެ އިންޓަރ މިލާނާއި އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ އާއި ބްރެންޓްފޯޑް އަށް ކުޅެފަ އެވެ. އޭނާ މިހާރު ކުޅެމުންދަނީ ވުލްފްސްބަރގް އަށެވެ.