ޚަބަރު

ހުރްމުޒް ބަންދުވެ، ދުނިޔޭގެ އިޤްތިޞާދަށް މަޑުޖެހުން


މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދާއި ވިޔަފާރި މި އަހަރު ކުރިއަރާ މިންވަރު ވަރަށް ބޮޑަށް މަޑުޖެހޭނެކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ގައި، ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ މިހާރު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ.

އެ ހަނގުރާމައަށް 100 ދުވަސް މިހާރު ފުރިފައިވާއިރު، ހަނގުރާމައާ ގުޅިގެން ރައްދުގައި އީރާނުން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ލޮޅުންތައް ވަނީ މުޅި ދުނިޔެއަށް ކޮށްފައެވެ.

ދުނިޔޭގެ ހަކަތައާބެހޭ އިދާރާ، އައިއީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 104 މިލިއަން ފީފާ ތެޔޮ މުޅި ދުނިޔެއިން ވަނީ ބޭނުންކޮށްފައެވެ. ނަމަވެސް، އެ މުއްދަތުގައި ތެލުގެ ސަޕްލައި ވަނީ 95.1 މިލިއަން ފީފާ ތެލަށް ދަށްވެފައެވެ.

ހުރްމުޒް ބަންދުކުރުމުގެ ސަބަބުން، މެދުއިރުމަތިން ބޭރުކުރާ ތެލުގެ ސަޕްލައި މަޑުޖެހި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ ހަނގުރާމަ ފެށުމުގެ ކުރިއާ އަޅާބަލާއިރު 30 އިންސައްތަ އުފުލިފައެވެ.

ވަރލްޑް މެރިޓައިމް ކައުންސިލުން ބުނާ ގޮތުގައި، ހުރްމުޒް ބަންދުކުރުމުގެ ސަބަބުން، މުދާ އުފުލާ އުޅަނދުފަހަރު ތެލަށް ކުރާ ހޭދަ އެކަނި ވަނީ 59 އިންސައްތައިން މައްޗަށް ގޮސްފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް މި އައި ކުއްލި ބަދަލުގެ އިތުރުން މުދާ އުފުލާ ވިއުގަތަކަށް އައި ލޮޅުންތަކާ އެކު އާންމު މުދަލުގެ އަގުތައް ވެސް ވަނީ އިންތިހާއަށް އުފުލިފައެވެ.

އިޤްތިޞާދީ މާހިރުން އަންދާޒާކުރާ ގޮތުގައި، ދުނިޔޭގެ އިޤްތިޞާދު މިދިޔަ އަހަރު ކުރި އެރި މިންވަރު 3.4 އިންސައްތައިން، މި އަހަރުގެ ތެރޭގައި 2.8 އިންސައްތައަށް ވެއްޓޭނެއެވެ.

ދުނިޔޭގެ އިޤްތިޞާދަށް މި އައި މަޑުޖެހުމުގެ ސަބަބުން ކުރިމަތިވާނެ ގެއްލުމުގެ އަގު 700 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.