ޚަބަރު

"ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދާނީ މަތިވަމުން"


  • ރާއްޖޭގެ ރޭޓިންގ ދަށްވީ ދަރަނި އަދާކުރުމުގައި ހުރަސްތަކެއް ހުރުމުން

  • ދަރަނިތައް ނަގާފައިހުރީ އަނބުރާ ދެއްކުމުގެ މުއްދަތުތައް ފުށުއަރާގޮތަށް

  • ކްރެޑިޓް ރޭޓިންގ ރަނގަޅުކުރުމަށް ސަރުކާރުންދަނީ ފިޔަވަޅުތައް އަޅަމުން

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ކުރިއަށް އޮތްތަނުގައި ރަނގަޅުވަމުންދާނެކަމަށް ސަރުކާތުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ޕްރެސަރ ވިތް ދަ ސްޕޮކްސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފިޗްއިން އެންމެފަހުން ނެރުނު ރޭޓިންގައި ވަނީ ރާއްޖޭގެ ރޭޓިންގ "ސީސީ" އިން "ސީސީސީ -" މަތިކޮށްފައެވެ. ފިޗްގެ ރޭޓިންގައި ރާއްޖެއަށް ކުރިއެރުން ލިބިފައިވާއިރު މިއީ ގިނަ ގޮންޖެހުންތަކާއެކު ޙާސިލުކުރެވުނު ދަރަޖައެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ. ފިޗް ރޭޓިންގއާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާތުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފް ވިދާޅުވީ ސަރުކާރުން ފިޗް ރޭޓިންގެ ކާމިޔާބީ ފާހަގަކުރާނީ ރޭޓިންގއަށް ބޮޑު ކުރިއެރުމެއް ހޯއްދަވައިގެންކަމަށެވެ. ތަރުޖަމާނު ވިދާޅުވީ މިދައުރުގެ ތެރޭގައި ދެފަހަރު ފިޗް ރޭޓިންގައި ރާއްޖެ ފަހަތަށް ޖެހިފައިވަނީ އަދުގެ ސަރުކާރުގެ ސިޔާސަތަކާއި ގުޅިގެން ނޫންކަމަށެވެ. އެހެންނަމަވެސް ފިޗްގެ ރޭޓިންގ މިދިޔަ އަހަރު ދަމަހައްޓާ އަދި މިއަހަރު ރޭޓިންގ ކުރިއަރާފައިވަނީ ރާއްޖޭގެ ދަރަނި އަދާކުރުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކާއި ގުޅިގެންކަމަށެވެ.

"ފިޗްގެ ރިޕޯޓުގައި އޮންނާނެ، ދަށްވިއްޔާ ދަށްވި ސަބަބުތަކާއި މަތިވިއްޔާ މަތިވި ސަބަބުތައް ބަޔާންކޮށްފައި. މިހާރު މަތިވީތާ މި. މިހާރު އޮންނާނެ މިމަތިވީ މިވެނިކަހަލަ ރަނގަޅުކަންތައްތަކެއް ހުރީމައޭ، އެކަމަކު އަޅުގަނޑުމެން ބޭނުމޭ ތިބޭފުޅުން އަދި ރަނގަޅުކުރުމަށް މިވެނިކަމެއް ކުރަން. ނާޅާކަމުގައިވަނީނަމަ ދަށްވުމުގެ ބިރު އޮންނާނެތާ. އަޅުގަނޑުމެން އުއްމީދުކުރަނީ ދެން އަންނަ ފަހަރަކު އަދި އިތުރަށް ރަނގަޅުވާނެކަމަށް. ދަށްވި ދަށްވުމަކީ މިސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދަށްވިކަމެއް ނޫން." ތަރުޖަމާނު ވިދާޅުވިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވީ، ސަރުކާރު ހަވާލުވީއިރު ހުރި ދަރަނިތަކާއި އެދަރަނި ނަގާފައި ހުރި މުއްދަތުތަކާއި، ނަގާފައިވާ ސަބަބުތައް އެއީ ފިޗް ރޭޓިންގައި ރާއްޖެ ދަށްވަމުންދިޔަ ސަބަބުތައްކަމަށެވެ. އެގޮތުން ދަރަނިތައް ދެއްކުމަށް ހުރި މުއްދަތުތައް ފުށުއަރާގޮތަށް ހުރުމުން ރާއްޖެއަށް އެދަރަނިތައް ދެއްކުމުގައި ހުރި ހުރަސްތަކާއެކު ފިޗްގެ ރޭޓިންގ ދަށްވަމުންދިޔަކަން ފާހަގަކުރެއްވިއެވެ.

ފިޗްގެ ރޭޓިންގައި ރާއްޖޭގެ ކުރީގެ "ސީސީ"އިން "ސީސީސީ"އަށްވަނީ މަތިކޮށްފައެވެ. ރާއްޖެއިން 2021 ވަނަ އަހަރު ފިޗް ރޭޓިންގައި "ބީ"ގައި އޮތުމަށްފަހު ކޯވިޑާއި ގުޅިގެން އާމްދަނީއަށް ކުރި އަސަރާއި ގުޅިގެންވަނީ ރޭޓިންގ ދަށްކޮށްފައެވެ. އޭގެފަހުން ރާއްޖޭގެ ދަރަނިތައް ބޮޑުވުމާއި ދެއްކުމުގައި ހުރި ހުރަސްތަކާއެކު ތަކުރާރުކޮށް ފިޗުންވަނީ ރާއްޖޭގެ ރޭޓިންގ ދަށްކޮށްފައެވެ. އެހެންނަމަވެސް މިދިޔަ އަހަރު ރޭޓިންގ ހިފެހެއްޓުމަށްފަހު މިއަހަރުގެ ރިޕޯޓުގައި އެއޭޖެންސީންވަނީ ރާއްޖޭގެ ރޭޓިންގ އެއްދަރަޖަށް މަތިކޮށްފައެވެ.

ފިޗުގެ ރޭޓިން ރަނގަޅުވަމުންދިޔުމަކީ ރާއްޖެއަށް އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ޔަގީންވެ ޤައުމުގެ މާލީ ޙާލަތު ރަނގަޅުވަމުންދާކަމުގެ ނިޝާނެކެވެ. އެހެންނަމަވެސް ދުނިޔޭގެ އިޤްތިޞާދީ ޙާލަތަށް ކުރިމަތިވަމުންދާ ހުރަސްތަކާއެކު، ރާއްޖޭގެ މާލީ ކަންކަން ދެމެހެއްޓެނިވިގޮތެއްގައި ހަމަޖެއްސުމަށް ފިޗުގެ ރިޕޯޓުގައިވަނީ ބާރު އަޅާފައެވެ.