ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ފާހަގަކޮށްލެވޭ ކޮންމެވެސް އެއް ދާއިރާއަކަށް ޚާއްސަ ކޮށްގެން ގެނެސްދޭ "ދަ ޕަލްސް"ގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖެ ފެހިކުރުމުގެ މަސައްކަތުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ފެހިކަން އިތުރުކޮށް މާޙައުލީ ނިޒާމު ދެމެހެއްޓުމަށް ފަށްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ރައީސް ގޮވާލެއްވިއެވެ.
ވަކިން ޚާއްސަކޮށް ރާއްޖެ ފެހިކުރުމުގެ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
" އަޅުގަނޑު ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް، ޒުވާނުންނަށް ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރަމާ ހިނގާށޭ. 5 މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމުގައި އަޅުގަނޑުމެން ކޮންމެ ބޭފުޅަކުވެސް ބައިވެރިވެ، މިއަހަރު ތެރޭގައި އަޅުގަނޑުމެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަކީ އަޅުގަނޑު ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އެދޭކަމެއް." ރައީސް ވިދާޅުވިއެވެ.
5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢަކީ، ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މަޝްރޫޢެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިންވެސް ރާއްޖެ ފެހިކުރުމުގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި ބައެއް މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ގަސް ކަނޑާލަންޖެހޭ ހާލަތްތައް މެދުވެރިވާ ކަމަށާއި، އެހެންނަމަވެސް މަޝްރޫޢުގެ މަސައްކަތާއިއެކު އެތަނެއްގައި އިތުރު ގަސްތައް އިންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ، ރާއްޖޭގައި މިހާތަނަށް ކުރިޔަށްގެންދާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމެވެ. މިއީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި، އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ. މިޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދާފައެވެ.
މި ޕްރޮގްރާމުގައި ބޮޑަށް އިސްކަން ދެއްވާފައިވަނީ، ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާ ކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އިންދުމަށް ހަމަޖެހިފައިވެއެވެ.