ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ބީއެމްއެލް


އިންޑިޔާގެ ނިއުދިއްލީގައި އަންނަމަހު ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

ޕްލޭޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބީއެމްއެލް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީއާއި ބިއެމްއެލްއާއެކު މިއަދު ވަނީ ސޮއިކުރައްވާފައެވެ. އެސްއީޒެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީއެވެ.

ބީއެމްއެލް އަކީ މީގެ ކުރިން ބޭއްވި ދެ އިންވެސްޓްމަންޓް ފޯރަމްގެ ވެސް ސްޕޮންސަރެކެވެ.

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކާއި ރާއްޖެއަށް ގެންނަން ބޭނުންވާ އިންވެސްޓްމަންޓް ތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދިނުމަށް ބާއްވާ ފޯރަމެކެވެ. މިއަހަރުގެ އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ނިއު ދިއްލީގެ ތާޖުޕެލެސްގައެވެ. މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރިތަކަށް ފުރުޞަތުވެސް ހުޅުވާލާފައެވެ.

އިންޑިޔާގެ ނިއުދިއްލީގައި ބާއްވާ އިންވެސްޓް ފޯރަމް އޮންނާނީ އަންނަ މަހުގެ ބާވީހުން  ތޭވީހަށެވެ.