ތަޢުލީމު

ހަރމަން ލޫޒް ޓްރޮފީ ޗެލެންޖް ކޭމްޕްގައި 10 ކެޑޭޓަކު ބައިވެރިވަނީ


ސްރީލަންކާގައި ބާއްވާ ކެޑޭޓް ކޭމްޕެއްގައި ބައިވެރިވާ ރާއްޖޭގެ ކެޑޭޓުންނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

"ހަރމަން ލޫޒް ޓްރޮފީ ޗެލެންޖް ކޭމްޕް 2016" ގެ ނަމުގައި މި މަހުގެ 13 އިން 24 އަށް ކުރިއަށްދާ މި ކޭމްޕްގައި ރާއްޖޭން 10 ކެޑޭޓުންނާއި، 3 އޮފިސަރަކު ބައިވެރިވެއެވެ.

ކޭމްޕުގެ ބައިވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ. ޢާއިޝަތު ޝިހާމްވަނީ ސްކޫލްތަކުގައި ހިންގާ އިތުރު ޙަރަކާތްތަކުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ، އެފަދަ ޙަރަކާތްތަކަކީ ދަރިވަރުންނަށް ރިވެތި އާދަތަކާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކުރުމަށް ލިބިގެންދާ ވަރަށް މުޙިއްމު ފުރުޞަތެއްކަމަށެވެ. އަދި، މި ފަދަ ޙަރަކާތްތަކަކީ، ސްކޫލްތަކާއި މުޖުތަމަޢަށް ކުރިއެރުން ލިއްބައިދޭ ޙަރަކާތްތަކެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ. އަދި، ނަމޫނާ ދަރިވަރުންތަކަކަށްވެ، ކޭމްޕުން ލިބޭ ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް، މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް، ކޭމްޕުގައި ބައިވެރިވާ ދިވެހި ކެޑޭޓުންގެ ކިބައިގެން އެދިވަޑައިގެންފައިވެއެވެ.

ނޭޝަނަލް ކެޑޭޓް ކޯ އިން ހާމަކުރައްވާ ގޮތުގައި ކެޑޭޓް ކޭމްޕަށް ދަރިވަރުން ހޮވުމުގައި އިސްކަންދެއްވާފައިވާނީ އަޚްލާގް ރަނގަޅު، އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކުރަން ދަންނަ، ދިވެހި ތާރީޚާއި ދިވެހި ކެޑޭޓުންގެ ތާރީޚްގެ މަޢުލޫމާތު ހުރި އަދި ދުޅަހެޔޮ ސިއްޙަތު ރަނގަޅު ކެޑޭޓުންނަށް ކަމަށެވެ.

މި ކޭމްޕްގައި ކެޑޭޓުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި ސްރީލަންކާ އާމީއާއި، ނޭވީ އަދި އެއާފޯސްގެ ހެޑްކުއާޓަރޒް، އެ ޤައުމުގެ މިލިޓަރީ އެކެޑަމީ، ޖެނެރަލް ސަރ ޖޯން ކޮޓިލާވާ ޑިފެންސް ޔުނިވަރސިޓީ، ކެންޑީ އަދި ސްރީލަންކާގެ ޤައުމީ ކެޑޭޓް ކޯގެ ޓްރެއިނިން ސެންޓަރާއި ސްރީލަންކާގެ އާސާރީ ތަންތަން ހިމެނެއެވެ. މިއީ މިކޭމްޕްގައި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ފަރާތުން ބައިވެރިވާ 10 ވަނަ ފަހަރެވެ.