އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ކްލަބްތަކުގެ ތެރޭގައި ހިމެނޭ ލިވަޕޫލްގެ ކޯޗު ކަމާއި އެންޑޯނީ އިރައޯލާ ހަވާލުވެއްޖެއެވެ.
އުމުރުން 43 އަހަރުގެ އިރައޯލާ ލިވަޕޫލާއި ގުޅިފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އިރައޯލާ ލިވަޕޫލާއި ގުޅިފައިމިވަނީ ޕްރިމިއާ ލީގުގެ ބޯންމޯތާއެކު ކާމިޔާބު ތިން ސީޒަން ހޭދަކުރުމަށްފަހުއެވެ. 2023 ވަނަ އަހަރު ބޯންމޯތުގެ ކޯޗުކަމާއި ހަވާލުވި އިރައޯލާ ނިމިދިޔަ ސީޒަން ނިންމާލީ ޕްރިމިއާ ލީގުގެ ހަވަނަ މަގާމް އެޓީމަށް ހޯދައިދީ މިއަންނަ ސީޒަންގައި ޔުއޭފާ ޔޫރޮޕާ ލީގުގެ ޖާގައެއް ބޯންމޯތަށް ހޯދައިދީގެންނެވެ. އިރައޯލާ ވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އޭނާ ނިމިދިޔަ ސީޒަނަށްފަހު ބޯންމޯތުގެ ކޯޗު ކަމުން ވަކިވާނެކަން ހާމަކޮށްފައެވެ. ނަމަވެސް އޭނާ އެނިންމުން ނިންމާފައިވަނީ އެއްވެސް ވަރަކަށް ލިވަޕޫލްގެ ކޯޗުކަމުގެ މަގާމް ލިބޭނެކަމުގެ އުންމީދާއެކުކަމަކަށް ނުބެލެވެއެވެ. އެއީ އޭނާގެ ނަން ލިވަޕޫލްގެ ކުރިން ކްރިސްޓަލް ޕެލަސް އަދި އިޓާލިއަން ސެރީއާގެ އޭސީ މިލާނާއި ގުޅުވައިގެން ވާހަކަ ދެކެވިފައިވުމުންނެވެ.
އިރައޯލާ ހާމަކުރިގޮތުގައި ލިވަޕޫލަކީ ބޮޑު ކްލަބެއް ކަމަށާއި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކޮށްލެވޭ ވަރުގަދަ ޓީމެއް ކަމުން މި ފުރުސަތު ލިބުމުން ވަރަށް ހިތްހަމަ ޖެހިފައިވާ ކަމަށެވެ. އޭނާ ބުނީ ލިވަޕޫލަށް ޝައުގުވެރިވާކަން މާގިނަ ކަންތައްތަކެއް ބޭނުމެއް ނުވާ ކަމަށާއި ލިވަޕޫލް ވާނީ ލިވަޕޫލަށް ކަމަށެވެ. އަދި ލިވަޕޫލާއި ގުޅުމުން އޭނާއަށް ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންނަށް ކޯޗު ކޮށްދިނުމުގެ ފުރުސަތުލިބިގެންދާނެ ކަމަށާއި އަދި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ގިނަވުމަކީ މުބާރާތްތައް ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރު ވެގެންދާނެ ކަމެއް ކަމަށްވެސް އިރައޯލާ ފާހަގަ ކުރިއެވެ.
ލިވަޕޫލްގެ ކޯޗު ކަމާއި އިރައޯލާ ހަވާލުވެފައިމިވަނީ އެމަގާމުގައި ދޭތުވެދިޔަ ދެ ސީޒަންގައި ހުރި ނެދަލަންޑްސްގެ ކޯޗު އާނަރ ސްލޮޓް ދާދިފަހުން މަގާމުން ވަކިކުރުމުންނެވެ. ބުނެވޭގޮތުގައި ސްލޮޓް މަގާމުން ވަކިކުރުމުގެ ނިންމުމަކީ ލިވަޕޫލް އެކުންފުންޏަކަށް ނިސްބަތްވާ ފެންވޭ ސްޕޯޓްސް ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފް ފުޓްބޯލް މައިކަލް އެޑްވަރޑްސް އާއި ލިވަޕޫލްގެ ސްޕޯޓިންގ ޑިރެކްޓަރ ރިޗަޑް ހިއުސް ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ. ބޯންމޯތުގެ ކޯޗުކަމާއި އިރައޯލާ ހަވާލުވިއިރު އެޓީމުގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހުރީވެސް ހިއުސްއެވެ.
އިރައޯލާ އާއެކު އެއްކޮށް ބޯންމޯތުގައި މަސައްކަތްކުރި ކޯޗިންގ ސްޓާފުންގެ ތެރެއިން ޓޮމީ އެލްފިކް އާއި ޝޯން ކޫޕަރ ލިވަޕޫލާއި ގުޅޭނެކަމަށް މިހާރުވަނީ ބެލެވިފައެވެ. އިރައޯލާ ހާމަކުރިގޮތުގައި އޭނާ ހުރީ މިލިބުނު ފުރުސަތާއި ކުރިމަތިލުމަށް ތައްޔާރަށް ކަމަށާއި އަދި ބޭނުންވަނީ ވީހާވެސް އަވަހަކަށް ޓީމަށް ކާމިޔާބީ ހާސިލްކޮށްދޭން ފައްޓާ ކްލަބްގެ ސަޕޯޓަރުންގެ ރުހުން ވީހާވެސް އަވަހަކަށް ހޯދުމަށް
ކަމަށެވެ.