ޚަބަރު

ޙިޒްބުاللهގެ ޙަމަލާތަކުގައި 63 ޔަހޫދީން ޒަޚަމް


ދެކުނު ލުބުނާނުގައި ޙަރަކާތްތެރިވަމުންދާ ޔަހޫދީ ސިފައިންނާ ދެކޮޅަށް ލުބުނާނުގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲއިން ވަރުގަދަ ޙަމަލާދީ ބޮޑެތި ގެއްލުންތައް ދީފިއެވެ.

ޙިޒްބުﷲގެ ޙަމަލާތަކުގައި ޤަލަޢަތުއް ޝަޤީފްއަށް ވެރިވެގަނެފައިވާ ޔަހޫދީން ބޭނުންކުރަމުން ދިޔަ ތިން ޓޭންކަރަށް ޙަމަލާދީ އެ ތިން އުޅަނދު ސުންނާފަތިކޮށްލާފައިވެއެވެ. އަދި ޔަހޫދީ ސިފައިންނަށް ވެސް ގެއްލުން ދީފިއެވެ. ޔަހޫދީ ނޫސްތަކުން ވަނީ ޙިޒްބުاللهގެ އެ ޙަމަލާއަކީ ދިފާޢުވުމަށް އުނދަގޫ ޙަމަލާއެއްގެ ގޮތުގައި ސިފަކޮށް، އެ ޙަމަލާގައި ބަޔަކަށް އަނިޔާވެފައިވާ ކަން ހާމަކޮށްފައެވެ.

ޙިޒްބުاللهއިން ނެރުނު ބަޔާނެއްގައި ބުނީ މަރކަވާ މަރުކާގެ ފުރަތަމަ ޓޭންކަރު ސުންނާފައިކޮށްލީ މިސައިލް ޙަމަލާއެއްގައި ކަމަށެވެ. އެއަށް ފަހު ހަމަ އެ ސަރަަޙައްދުގައި އޮތް އިތުރު ދެ ޓޭންކަރަށް ޙަމަލާތައް ދިން ކަމަށް ވެސް ބުނެފައިވެއެވެ. ޤަލަޢަތުއް ޝަޤީފް ސަރަޙައްދުގައި މުޖާހިދުން ޙަރަކާތްތެރިވެފައިވާ ކަން ޔަހޫދީ އަސްކަރިއްޔާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީ ސިފައިންނާ ދެމެދު އެއްގަމު މަގުން ޙަމަލާތައް ބަދަލުކޮށްފައި މި ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއާއި ދިފާޢީ ވަޒީރު އިޒްރައިލް ކެޓްޒް ޔަހޫދީ ދައުލަތުގެ އުތުރުގެ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކޮށްފަައިވާ ދަނޑިވަޅެއްގައެވެ. އެ ސަރަޙައްދުން ނަތަންޔާހޫ ދިޔަތާ މާ ގިނައިރުތަކެއް ނުވެ ޔަހޫދީ ދައުލަތުގެ ބައެއް ސަރަޙައްދުތަކުގައި ވައިގެ ޙަމަލާއެއް އަމާޒުވާ ކަމުގެ އިންޒާރުގެ ރަނގަބީލުތައް ވަނީ ތަކުރާރުކޮށް ގުގުމާލައިފައެވެ.

ޔަހޫދީން ވަނީ ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ޔަހޫދީ އަސްކަރިއްޔާގެ 63 އޮފިސަރުންނަށް އެކި ވަރުގެ ޒަޚަމްތައް ވެފައިވާ ކަމަށް ހާމަކޮށްފައެވެ. މިދިޔަ މާރިޗު މަހުގެ ތެރޭގައި ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު އަލުން ޙަމަލާ ބަދަލުކުރަން ފެށިފަހުން، ޙަމަލާތަކުގައި ޔަހޫދީންގެ 27 ސިފައިން މިހާތަނަށް މަރުވެފައިވާ ކަމަށް ވެސް ޔަހޫދީ އަސްކަރިއްޔާއިން ބުނެފައިވެއެވެ. 1،243 ސިފައިންނަށް ޒަޚަމްވެފައިވާއިރު، އޭގެ ތެެރެއިން 72 ސިފައިންގެ ޙާލު ސީރިއަސް ކަމަށް ވެސް ބުނެފައިވެއެވެ.

ޖޫން މަހުގެ 3ވަނަ ދުވަހު އެމެރިކާއިން ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް ތަންފީޛު ކުރުމަށް ލުބުނާންއާއި ޔަހޫދީން އެއްބަސްވެފައިވާ ކަމަށް އިޢުލާނުކޮށްފައެވެ. ނަމަވެސް އެ އެއްބަސްވުން ތަންފީޛު ކުރުމުގެ ޝަރުތަކީ ޙިޒްބުاللهއިން ޙަމަލާ ދިނުން ހުއްޓާލައި، ދެކުނު ލުބުނާނުގެ ސަރަޙައްދީ ރޮނގު ކައިރިން ޙިޒްބުاللهގެ މުޖާހިދުން ފޭބުމެވެ. ދެކުނު ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމާ ގުޅޭ އެއްވެސް ވާހަކައެއް އެ ހުށަހެޅުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ލުބުނާނުގެ ރައީސް ޖޫޒީފް ޢޫން ވަނީ އެމެރިކާއިން އެކުލަވާލާފައިވާ އޮނިގަނޑަކަީ ދާއިމީ ގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ލިބޭ ފަހު ފުރުޞަތު ކަމަށް ވިދާޅުވެފައެވެ. ޙިޒްބުاللهއަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ ހުރިހާ ފަރާތަކުން އެެއްބަސްވުން ތަންފީޛު ކުރުމުގެ ފެހި ސިގްނަލް ދޭނަމަ 24 ގަޑިއިރުގެ ތެރޭގައި ޙަމަލާތައް ހުުއްޓާލައި އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށޭނެ ކަމަށެވެ.

ނަމަވެސް ޙިޒްބުاللهގެ އިސްވެރިޔާ ނަޢީމް ޤާސިމް ވިދާޅުވީ އެމެރިކާގެ ހުށަހެޅުމަކީ ލުބުނާނުގެ ރައްޔިތުންގެ ބައެއް ނައްތާލައި، ބާކީ ތިބި މީހުން އަޅުވެތި ކުރުމުގެ މަގުޗާޓެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އިސްތިޢުމާރު ކުރުން ދެމި އޮންނަހާ ހިނދަކު އެ ކަމާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު އަބަދުވެސް ތިބޭނެ ކަމަށެވެ. ޤާސިމް ވިދާޅުވީ ލުބުނާނުގެ އަވަށްތަކަށް ޙަމަލާދީ ސުންނާފަތިކޮށް، ޤައުމުގެ ރައްޔިތުން ޝަހީދުކުރާ ނަމަ ޔަހޫދީ ދައުލަތުގެ ރަށްތަކަށް ވެސް ރައްކާތެރި ކަމެއް ނޯންނާނެ ކަމަށެވެ.