1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މާލެއާއި އަތޮޅުތަކުގައި ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެ ވުޒާރާގެ ޚާއްސަ ކޮމިޓީއަކުން މިހާރު ފަށާފައިވާ ކަމަށެވެ. މި ޕްލޭންގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އިސްލާމީ އުސޫލުތަކުގެ ތެރެއިން ޢީދު ފާހަގަކުރުމުގެ ކަންކަން ހަރުދަނާ އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.
ވަޒީރު ވިދާޅުވީ، މި ޕްލޭންގެ ދަށުން ރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކޮށްގެން، އަތޮޅުތަކުގައި ހަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސިޓީތަކުގައި ޢީދު ފާހަގަކުރުމުގައި މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދިއުމަށްވެސް މި ޕްލޭންގައި ހިމަނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޢީދު ފާހަގަކުރުމުގެ މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދުގެ ހަރަކާތްތައް ކުލަގަދަކޮށް ވަރަށް ފޯރިއާއެކު ކުރިއަށްގެންދެއެވެ. އެގޮތުން މިއަހަރުވެސް އަތޮޅުތެރޭގެ ރަށްރަށުގައި ސަގާފީ ހަރަކާތްތަކާއެކު ކުލަގަދަ ގޮތެއްގައި ޢީދު ފާހަގަކޮށްފައިވާއިރު، މާލެ ސަރަހައްދުގައިވެސް ޢީދު ހަވީރުގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ވަނީ ކުރިއަށްގެންގޮސްފައެވެ.