ތަޢުލީމު

އަންނަ އަހަރު ޤައުމީ ޔުނިވަރސިޓީން ފަށާ ކޯސްތައް އިޢުލާންކޮށްފި


އަންނަ އަހަރު ޤައުމީ ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ 96 ކޯހަކަށް 5،000 އަށްވުރެ ގިނަ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ އަންނަ އަހަރުގެ ޖެނުއަރީގެ ފުރަތަމަ ސެމެސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެވެ. ޤައުމީ ޔުނިވަރސިޓީން އަންނަ އަހަރުގެ ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ބެހޭ މަޢުލޫމާތު ދެއްވަމުން ޔުނިވަރސިޓީގެ ރަޖިސްޓްރަރ ސަޢުދު ﷲ އަލީ ވިދާޅުވީ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯހުގެތެރޭގައި ފައުންޑޭޝަން ލެވެލް އިން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތަށް ހިމެނޭނެ ކަމަށެވެ. މީގެ ތެރެއިން ގިނަ ޖާގަތައް ކަނޑައަޅާފައިވަނީ ޑިގްރީއިން ފެށިގެން މަތީ ފެންވަރުގެ ކޯސްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުވާލާފައިވާ ފުރުޞަތުގައި މާސްޓަރސް ޑިގްރީގެ 11 ކޯހަކަށް 426 ޖާގަ، ބެޗްލަރސް ޑިގްރީގެ 31 ކޯހަކަށް 1،560 ފުރުޞަތު އަދި ޑިޕްލޮމާ ލެވެލްގެ 14 ކޯހަކަށް 989 ފުރުޞަތަށް ވަނީ ހުޅުވާލާފައެވެ. އަދި އެހެން ޖާގަތައް އެހެން ދާއިރާތަކަށް ބަހާލާފައިވާ ކަމަށާ، މިކޯސްތައް ހިންގާނީ މާލެއާއި އަތޮޅުތެރޭގެ 4 ކެމްޕަސް އަދި އައުޓްރީޗް ސެންޓަރުތަކުގައި ކަމަށް ސަޢުދު ﷲ ވިދާޅުވިއެވެ. ސަޢުދު ﷲ ވިދާޅުވީ ފުރުތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި އަލަށް ފަށާ އެއްވެސް ކޯހެއް ނުހިމެނޭނެ ކަމަށެވެ.

މިކޯސްތަކަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 23 ން ފެށިގެން ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ބަލައިގަންނާނެ ކަމަށް ސަޢުދު ﷲ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ދަނީ މަތީ ތަޢުލީމުގެ ތަފާތު އެކި ކޯސްތައް ހިންގަމުންނެވެ. އެގޮތުން އެ ޔުނިވަރސިޓީގެ 9 ފެކަލްޓީ އާއި 2 ސެންޓަރަކުން ޖުމްލަ 182 ކޯސް ދަނީ ހިންގަމުންނެވެ. މިއަހަރުގެ ތެރޭގައިވެސް އެޔުނިވަރސިޓީއިން ވަނީ 2،022 ދަރިވަރުން ގްރެޖުއޭޓްވެފައެވެ. އަދި ދިގުމުއްދަތުގެ ކޯސްތަކުގައި 6،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، ކުރު ކޯސްތަކުގައި 3،000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާޞިލްކުރަމުންދާ ކަމަށް ޔުނިވަރސިޓިގެ ތަފާސް ހިސާބުތަކުން ދައްކައެވެ.