ޚަބަރު

"ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ހޯދޭނީ ގުޅިގެން މަސައްކަތްކޮށްގެން"


  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށް ވިދާޅުވި

  • ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަމަށް ވިދާޅުވި

ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ހޯދޭނީ ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ މިހެން ވިދާޅުވީ، ގައުމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ބާއްވާ "މަޝްވަރާ އޮން ޗައިލްޑް ރައިޓް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ގައުމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ބާއްވާ "މަޝްވަރާ އޮން ޗައިލްޑް ރައިޓް" ފެށުމަށް މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

މިރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ފާއިތުވި އަހަރުތަކުގައިވެސް ކުޑަކުދިންގެ ހައްގުތަކާއިގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް، ޤާނޫނުތައް އެކުލަވާލައި، އަސާސީ ޙައްޤުތައް ޙާޞިލުކުރުމަށް އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތަކާ ބެހޭ މުއާހަދާގައި ސޮއިކޮށް ތަސްދީގު ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ، ފަޚުރުވެރިވާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިކަމުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަތުމަށް ފަސޭހަވެފައިވާކަމަށެވެ. ޞިއްޙީ ވަޒީރު ވިދާޅުވީ މަސައްކަތްކުރައްވަމުން ގެންދަވަނީ ނަފްސާނީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންވެސް މުޖުތަމަޢުގެ ހާލަތު ރަނގަޅުކުރުމަށްކަމަށެވެ. މިގޮތުން ކުރެވުނު މަސައްކަތުން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފަވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ހަރުދަނާކޮށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އާންމު ހޭލުންތެރިކަން އިތުރުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

"ކުރެވުނު މަސައްކަތްތަކުން އަޅުގަނޑުމެން އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަތުމަށް އެހީވެދީފި. އަޅުގަނޑުމެންނަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކުން މިކަން ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ހަރުދަނާކޮށް، އެކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ މަގު ތަނަވަސްކޮށްދީ، ކުޑަކުދިންގެ ޙައްޤުތަކާމެދު މުޖުތަމަޢުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކޮށްފައިވެއެވެ." ވަޒީރު ވިދާޅުވިއެވެ.

"މަޝްވަރާ އޮން ޗައިލްޑް ރައިޓް"ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތަކީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، ކުޑަކުދިންނަށް ދިމާވާ އެކި ކަހަލަ ކަންކަމާއި، އެކުދިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ޗައިލްޑް ރައިޓްސްއާ ގުޅޭ "އަމާނާތް" މަޖައްލާ އިފްތިތާޙްކޮށްފައެވެ. މި މަޖައްލާ އިފްތިތާޙްކޮށްއްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.