ޚަބަރު

ޔަހޫދީންގެ އަސްކަރީ މަރުކަޒުތައް ޣައްޒާގައި އިތުރުކުރަނީ


މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް ޤާއިމްކުރި ނަމަވެސް ޔަހޫދީންގެ އަސްކަރީ އައުޓްޕޯސްޓުތައް ޣައްޒާގައި އިތުރުކުރަމުންދާ ކަމަށް ސެޓެލައިޓު ފޮޓޮއިން ދައްކައިފިއެވެ.

ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން ޔަހޫދީ ސިފައިން ޣައްޒާއިން ފައިބަން ޖެހެއެވެ.

ސެޓެލައިޓު ފޮޓޮއިން ފެންނަ ގޮތުގައި ޔަހޫދީންގެ 40 އަސްކަރީ އައުޓްޕޯސްޓު ޣައްޒާގައި ޤާއިމްކޮށްފައި އެބަހުއްޓެވެ. އޭގެ ތެރެއިން 8 އައުޓްޕޯސްޓަކީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޤާއިމްކޮށްފައިވާ ތަންތަނެވެ. އެ ފަދަ އެއް ސަރަޙައްދު އަދި ވެސް ދަނީ ބިނާ ކުރަމުންނެވެ.

ޔަހޫދީންގެ މި މަރުކަޒުތައް ޤާއިމްކޮށްފައި ވަނީ ޔަހޫދީންގެ ބާރުގެ ދަށުގައި އޮންނަ ޣައްޒާގެ ސަރަޙައްދުތަކުގައެވެ. ޣައްޒާގެ ގާތްގަނޑަކަށް 60 އިންސައްތަ ޔަހޫދީންގެ ބާރުގެ ދަށުގައި އޮންނައިރު، އެ ސަރަޙައްދު ވަކި ކުރުމަށް ބޭނުން ކުރަނީ “ރީނދޫ ރޮނގު”އެވެ. ޔަހޫދީންގެ ވިސްނުން ހުރީ ޣައްޒާގެ އިތުރު ބިންތައް އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔުމަށެވެ.

ސެޓެލައިޓް ފޮޓޮއިން ފެންނަ ގޮތުގައި ޔަހޫދީން ޣައްޒާގައި ބިނާ ކުރަމުންދަނީ ދާއިމީ އަސްކަރީ އައުޓްޕޯސްޓުތަކެކެވެ. އަައު އިމާރާތްތައް ޣައްޒާގެ އުތުރުގައާއި ދެކުނުގެ އިތުރުން މެދުތެރޭ ސަރަޙައްދުތަކުން ވެސް ފާހަގަވެފައިވެއެވެ. އެ ގޮތުން ޚާން ޔޫނިސްގައި ވެސް ތިން އައުޓްޕޯސްޓު ބިނާކޮށްފައިވާއިރު، ނަތުރަޒީމް ކޮރިޑީގެ އިރުމަތީގައި އައުޓްޕޯސްޓަކާއި މެދުތެރޭ ސަރަޙައްދުގައި ދެ އައުޓްޕޯސްޓު ބިނާކޮށްފައިވެއެވެ.

ޚާން ޔޫނިސްގައި ބިނާކޮށްފައިވާ އެއް އިމާރާތް ބިނާކޮށްފައި ވަނީ ހަނގުރާމައިގައި ސުންނާފަ
ތިވެފައިވާ ގަބުރުސްތާނެއްގެ މަތީގައެވެ. އެ ބިމުގައި ޔަހޫދީން މަސައްކަތް ފަށާފައި ވަނީ 2025ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މެއި މަހުގެ 18ވަނަ ދުވަސް އައި އިރު އެ ސަރަޙާއްދުގެ މަސައްކަތް ވަނީ ދުރިހަމަކޮށްފައެވެ. އޭގެ އިތުރުން ބައިތު ލާހިޔާއާއި އިތުރު ސަރަޙައްދުތަކުގައި ވެސް ޔަހޫދީން ވަނީ މި ފަދަ އިމާރާތްތައް ބިނާ ކުރަން ފަށައިފައެވެ. އައު ސަރަޙައްދުތައް އިމާރާތް ކުރުމުގެ އިތުރުން އެއްބަސްވުމަ
ށް ޢަމަލުކުރަން ފެށުމުގެ ކުރިން ބިނާކޮށްފައިވާ އައުޓްޕޯސްޓުތައް އިތުރަށް ވަރުހަގަދަ ކުރުމުގެ މަސައްކަތް ވެސް ޔަހޫދީން ކޮށްފައިވެއެވެ.

ފެންނަ ފެނުމަށް ޔަހޫދީންގެ އަސްކަރީ މަރުކަޒުތައް ބިނާކޮށްފައި ވަނީ ޣައްޒާގެ އާބާދީ ވަށައިލެވޭނެހެންނެވެ. މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި ޔަހޫދީންގެ އަސްކަރީ އައުޓްޕޯސްޓްތައް ޤާއިމްކޮށްފައިވާ ރޭވުންތެރި ގޮތުން ހަާމަކޮށްދެނީ ޔަހޫދީންގެ ނިޔަތަކީ އަލުން ހަނގުރާމަ ފެށުމެވެ.