ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިއަހަރުގެ މިހާތަނަށް 21 ރަށަކަށް ޖެންސެޓް ފޮނުވާފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ.
އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ ރައްޔިތުންގެ އަދިވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކަރަންޓުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބުމެވެ. ރަށްރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުންވެސް މަސައްކަތްކުރައްވާފައިވެއެވެ. އެހެންނަމަވެސް އަދިވެސް އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބެއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ޖުމްލަ 21 ރަށަކަށް ޖެންސެޓް ފޮނުވާފައިވާކަމަށެވެ. އަދި އިތުރު 24 ޖެންސެޓް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، އެ ޖެންސެޓްތައް މާލޭ ގެނެވުނުހާ އަވަހަކަށް ރަށްރަށަށް ފޮނުވޭނެކަމަށެވެ.
މިހާތަނަށް ރަށްރަށަށް ފޮނުވާފައިވާ ހުރިހާ ޖެންސެޓުތަކަކީވެސް މުޅިން އައު ޖެންސެޓްތަކެއްކަން ފެނަކައިން ފާހަގަކުރައްވައެވެ. އަދި ގެނެވުނު ޖެންސެޓްތަކުގެ ސަބަބުން ރަށްރަށަށް ދެމުންގެންދާ ކަރަންޓްގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވި، ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާ ކުރެވޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ.
ށ.ނަރުދޫ
ނ.ފޮއްދޫ
ނ.މަގޫދޫ
ރ.ކިނޮޅަސް
ރ.ފައިނު
ދ.ރިނބުދޫ
ތ.އޮމަދޫ
ތ.ގާދިއްފުށި
ތ.ކަނޑޫދޫ
ހއ.އުލިގަން
ހދ.ނާވައިދޫ
ށ.ފޭދޫ
ށ.ޅައިމަގު
ށ.ފީވައް
ށ.ގޮއިދޫ
ނ.ލަންދޫ
ނ.ކުޑަފަރި
ނ.ހެނބަދޫ
ރ.ރަސްގަތީމް
ރ.އިންނަމާދޫ
ފ.މަގޫދޫ
ފެނަކައިން ވިދާޅުވީ، ރާއްޖޭގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ މަސައްކަތެއްކަން އެކުންފުނިން ފާހަގަކުރައްވައެވެ.
ކުރިއަށްއޮތްތަނުގައިވެސް ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށް، އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެކަމަށް ފެނަކައިން ވިދާޅުވެއެވެ. އަދި ފެނަކައަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ.