ޚަބަރު

ހިތަދޫ އުތުރު ބައި-އިލެކްޝަނަށް 4154 ވޯޓު ކަރުދާސް


  • ބޭނުންވާ އޮފިޝަލުން ވަނީ ހަމަވެފައި

  • ބައި-އިލެކްޝަނަށް ފުރިހަމައަށް ތައްޔާރަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ވޯޓުކަރުދާސް ޗާޕުކޮށް ނިމިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިވޯޓުކަރުދާސް ޗާޕްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމަށްވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ޞަލާހް ރަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އެކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން އިލެކްޝަނަށް ބޭނުންވާ އޮފިޝަލުން ހަމަވެ ވޯޓު ކަރުދާސްވެސް ޕްރިޓްކޮށްފައިވާކަމަށެވެ. އައްޑޫ ބައި-އިލެކްޝަނަށް 4154 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އައްޑޫގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 4،121 މީހުންނަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ، މާލޭގައި 2 ފޮށި އަދި އައްޑޫގައި 5 ފޮއްޓެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ވަނީ ސޮއެވެސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ
ކެންޑިޑޭޓު އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޢަބްދުﷲ ޞާދިޤެވެ.