ފަލަސްޠީނުގެ ޣައްޒާގެ ވެރިކަމާއި އިދާރީ ހިންގުމުގެ ޒިންމާތަކުން ފެޔަށްޖެހެން ތައްޔާރަށް އޮތް ކަމަށާއި، މި ކަމާ ތަޢާރުޒުވާ ގޮތަށް ސުލްޙައިގެ ބޯޑުން ފަތުރަމުންދާ މަޢުލޫމާތަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމުގައި އެ ސަހަރުގައި ވެރިކަން ކުރާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސުން ހާމަކޮށްފިއެވެ. އެ ޖަމާޢަތުން ބުނީ، ޣައްޒާގެ އިދާރީ މަސްއޫލިއްޔަތުތަކާއި ސަލާމަތީ ކަންކަން މިޞްރުގެ ވެރިރަށް ޤާހިރާގައި ޤާއިމުކޮށްފައިވާ އިދާރީ ކޮމިޓީއާ ޙަވާލުކުރުމަށް އެ ޖަމާޢަތުން ފުރިހަމައަށް ތައްޔާރަށް އޮތްކަމުގައެވެ. އަދި، އެ ކަމަށް ފުރިހަމައަށް އެއްބާރުލުންދޭނެ ކަމުގައެވެ.
މިއީ، ކުރިންވެސް އެ ޖަމާޢަތުން އެއްބަސްވެފައިވާ ގޮތް ކަން ފާހަގަކުރައްވައި ޙަމާސްގެ ތަރުޖަމާނު ޙާޒިމް ޤާސިމް ވިދާޅުވީ، ޔަހޫދީންނާއި ސުލްޙައިގެ ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު ނިކޮލައި މްލަދޭނޮފް ޣައްޒާގެ އިދާރީ ކޮމިޓީގެ ޒިންމާތަކަށް ހުރަސްއަޅަމުންދާ ކަމުގައެވެ. އަދި، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ ސުލްޙައިގެ ތަސައްވުރާ ޚިލާފު ކުށެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ސުލްޙައިގެ ބޯޑެއް އެކުލަވައިލައި، ޣައްޒާގެ އިދާރީ ހިންގުން އިންތިޒާމުކުރާނެ ގޮތުގައި އޮނިގަނޑެއް ވައިޓް ހައުސުން އިޢުލާނުކޮށްފައި ވަނީ ޖަނަވަރީ 16 ވަނަ ދުވަހުއެވެ. ނަމަވެސް، ޤާހިރާގައި ޤާއިމުކޮށްފައިވާ ޤައުމީ ފެންވަރުގެ އިދާރީ ކޮމިޓީގެ މެންބަރުން ޣައްޒާއަށް ދަތުރުކޮށް، ޒިންމާތައް އަދާކުރުމަށް ޔަހޫދީން ހުރަސްއަޅަމުންދާ ކަމަށާއި، ޔަހޫދީންގެ މި ޖަރީމާ ހުއްޓުވުމަށް މްލަދޭނޮފްއާއި ސުލްޙައިގެ ބޯޑު ފޭލުވެފައިވާ ކަމުގައި ވެސް ޤާސިމް ވިދާޅުވިއެވެ. 2025 އޮކްޓޫބަރު 10 ގައި ޣައްޒާ ޤަތުލުޢާންމު "ނަމެއްގައި" މެދުކަނޑައިލާފައިއޮތް ނަމަވެސް، ޔަހޫދީން ދަނީ ސުލްޙައިގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް ހުރަސްއަޅަމުންނެވެ. އަދި، އެއްބަސްވުމާ ޚިލާފަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާކުރަމުންނެވެ.
ޣައްޒާގެ ބިމުގެ %60 މިހާރުވެސް އޮތީ ޔަހޫދީ ސިފައިންގެ އަތްދަށުގައެވެ. އެއީ، އެއްބަސްވުމާ ޚިލާފު ޖަރީމާއެއް ނަމަވެސް، ޣައްޒާގެ %70 ޔަހޫދީ ފައުޖުގެ ބާރުގެ ދަށަށް ގެންދިޔުމަށް ޞަހްޔޫނީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ދާދިފަހުން ވަނީ އަމުރުކޮށްފައެވެ. 2025 އޮކްޓޫބަރުގެ ފަހުން ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 932 އަށް އަރައެވެ. އަދި، އިތުރު 2,859 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށީ 2023 އޮކްޓޫބަރު 7 ގައެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ފެށި ޤަތުލުޢާންމުގައި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ސަހަރުން 73,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލިއެވެ. އަދި، 173,000 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ މައުސޫމު ކުޑަކުދިންނާއި، ކުށެއް ނެތް އަންހެނުންނާއި އުމޫރުންނެވެ.