ޚަބަރު

"މި ސަރުކާރުން ފުވައްމުލައް ސިޓީ، ހަޤީޤީ ސިޓީއަކަށް ހައްދަވާނެ"


ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދެވި، ހަޤީޤީ ސިޓީއަކަށް ފުވައްމުލައް ހަދާ މަންޒަރު މި ސަރުކާރުން ސާބިތުކޮށްދޭއްވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ފުވައްމުލައް ސިޓީގައި ވާހަކަދައްކަވަމުން، އެންވަޔަރްމަންޓް މިނިސްޓަރ ތާރިގް އިބްރާހީމް ވިދާޅުވީ، ހަޤީޤީ ސިޓީއެއްގެ މަންޒަރު ފުވައްމުލަކުން ދައްކުވައިދޭނެ ޕްލޭންތައް ސަރުކާރުން ހައްދަވާފައިވާ ކަމަށާއި، މި ސަރުކާރަކީ ވަޢުދުވެ، އެ ވަޢުދުތައް ފުއްދާނެ ސަރުކާރެއް ކަމަށެވެ. ސިޓީއަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކެއް ފުވައްމުލަކުގައި ޤާއިމް ކުރުމުގެ ވިސްނުން ސަރުކާރުގައި އެބައޮތް ކަމަށާއި، ސިޓީއެއްގެ ދަރަޖައަށް ބަދަލުވުމާއެކު، އެންމެ ފުރަތަމަ ފުރިހަމަ ވާންޖެހެނީ އަސާސީ ޚިދުމަތްތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތާރިޤް ވިދާޅުވީ ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ޤާއިމް ކުރުމަށްފަހު ސިޓީއަކުން ލިބެން ހުންނާނެ އެހެނިހެން ޚިދުމަތްތައް ފުވައްމުލަކުގައި ޤާއިމްކުރާ މަންޒަރު ރައްޔިތުންނަށް ދައްކަވާނެ ކަމަށާއި، މިކަމަކީ މި ސަރުކާރަށް ކުރެވޭނެ ކަމެއްކަން ސާބިތު ކޮށްދެއްވާނެ ކަމަށެވެ.

ފެނާއި ނަރުދަމާގެ އިތުރުން ތިމާވެށީގެ ދާއިރާއިން ފުވައްމުލަކަށް ޚާއްސަ އެތައް މަޝްރޫޢެއް ރޭވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރޭގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ޒަމާނީ ނިޒާމަކާއި، ރަށް ގިރުމުގެ މައްސަލަ ޙައްލުކޮށް ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ބިޔަ މަޝްރޫއެއް ހިމެނޭކަން ފާހަގަކުރެއްވިއެވެ.

ފުވައްމުލަކުގައި ފެށި ފެނާއި ނަރުދަމާގެ މަޝްރޫއަކީ ފުވައްމުލަކު ރައްޔިތުންގެ ވަރަށް ގިނަ ދުވަސްވީ އިންތިޒާރެއްގެ ނިމުން ކަމަށާއި، މި ޚިދުމަތް ހޯދުމަށް ފުވައްމުލަކުގެ ރައްޔިތުން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފުވައްމުލަކު ރައްޔިތުންގެ މި ހުވަފެން ހަޤީޤަތަކަށް މިވީ މިއަދު ކަމަށާއި، އެމް.ޑީ.ޕީ ސަރުކާރުން ވަނީ އެކަން ކުރުމަށް "ފެއިލްވެފައިކަން" މިނިސްޓަރ ތާރިޤް ފާހަގަ ކުރެއްވިއެވެ. 2008 ވަނަ އަހަރު އެމް.ޑީ.ޕީން ވެރިކަމަށް އައިއިރު، ރައީސް މައުމޫންގެ ވެރިކަމުގައި ފުވައްމުލަކުގެ ފެނާއި ނަރުދަމާ ޤާއިމް ކުރުމަށް އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް، އައި.ޑީ.ބީގެ އެހީގައި 10 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ކުރިއަށް ގެންދަން ރާއްވަވާފައިވާ ކަމަށާއި، ނަމަވެސް އެމް.ޑީ.ޕީއަށް ވެރިކަން ލިބުމާއެކު، އައި.ޑީ.ބީގެ އެހީ ކެންސަލް ކުރައްވާ، އައްޑުއާ ފުވައްމުލަކުގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމަށް 2011 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބައި ވޯޓާ ކިޔާ ކުންފުންޏަކާ ޙަވާލުކޮށް، އެންމެފަހުން އެ މަޝްރޫއުން ފުވައްމުލައް އުނިކޮށް، ރައްޔިތުންގެ އަސާސީ ޙައްޤަކަށް ހުރަސް އެޅުމަށް އެމް.ޑީ.ޕީ ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

އެމް.ޑީ.ޕީއަށް ފާޑުވިދާޅުވަމުން، މިނިސްޓަރ ތާރިޤް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެމް.ޑީ.ޕީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ހުވަފެން ދައްކަން ކަމަށާއި، އެފަދަ ހުވަފެން ތަކުގައި ޖެހިގެން ފުވައްމުލައްވެސް، އަދި ރާއްޖޭގެ އެހެން ރަށެއްވެސް ތަރައްޤީ ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުން ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްފަހު އަސާސީ ޚިދުމަތްތައް ޤާއިމް ކުރުމުގެ ނަމޫނާ ދައްކަމުންދާ ކަމަށާއި، ފުވައްމުލަކު ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ވިސްނާ ސަރުކާރަކީ މި ސަރުކާރު ކަމަށް އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވިއެވެ.