ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި 6 ރައީސެއްގެ އަރިހުގައި މަސައްކަތްކުރެއްވި އިބްރާހީމް ޙަލީމް ސަރުކާރުގައި ޚިދުމަތް ކުރައްވަން ފެއްޓެވީ، މީގެ 55 އަހަރު ކުރިން 1971 ވަނަ އަހަރު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. އެންމެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވީ، މުލިއާގޭގައެވެ. ޙަލީމްވަނީ، 2024 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް މުލިއާގޭގައި ޚިދުމަތް ކުރައްވާފައެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރެއްވި އިބްރާހީމް ޙަލީމް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ، މުލިއާގޭގައެވެ. އެގޮތުން މުލީއާގޭގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 12 ފެބުރުވަރީ 1977 ގައެވެ. ޚިދުމަތުގައި އުޅުއްވި 49 އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ހުންނަވާ ބޭފުޅެއްގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވިއިރު ޚިދުމަތުގައި ދެއްކެވި އިޚްލާސްތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރައްވައެވެ.
ރާއްޖޭގައި ރައީސްކަން ކުރެއްވި 6 ބޭފުޅެއްގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރު، މުލިއާގޭގެ ފަރީއްކޮޅު ބަހައްޓާކަމާއި، ރިޔާސީ ގަނޑުވަރުގެ ސުޕަވައިޒަރުކަމާއި، ޖެނެރަލް ސަރވިސަސް އޮފިސަރުކަމާއި، ޖެނެރަލް ސަރވިސަސް ސުޕަރވައިޒަރުކަމާއި، ހެޑް ވީއައިޕީ ވެއިޓަރުކަމާއި، ޗީފް ވީއައިޕީ ވެއިޓަރުކަން ވަނީ ކުރައްވާފައެވެ.
އިބްރާހީމް ޙަލީމް، މުލީއާގޭގައި ޚިދުމަތް ކުރައްވަން ފެށްޓެވިފަހުން ވަނީ ކުރީގެ ރައީސް، އަލްމަރްޙޫމް އިބްރާހީމް ނާޞިރާއި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައިވެސް މަސައްކަތް ކުރައްވާފައެވެ.
2014 ވަނަ އަހަރު މަޤާމުން ރިޓަޔަރ ކުރެއްވުމަށްފަހު ޙަލީމް މަސައްކަތް ކުރައްވާފައިވަނީ، ކޮންސަލްޓެންޓެއްގެ ގޮތުގައެވެ. ޢުމުރުފުޅުން ދުވަސްވެ ވަޒީފާއިން ދުރަށް ވަޑައިގަތީ، 2024 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އިބްރާހީމް ޙަލީމަކީ، ޙަވާލުކުރައްވާ ކޮންމެ ކަމެއް ވަރަށް ފަރުވާތެރިކަމާއި، ޒިންމާދާރުކަމާއެކު ކުރައްވާ ބޭފުޅެއް ކަމަށާއި، މުވައްޒަފުންނާ ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި، ހުރިހާ މުވައްޒަފުންގެވެސް އިޙްތިރާމު ލިބިވަޑައިގަތް ހިތްހެޔޮ އޯގާތެރި ބޭފުޅެއްގެ ގޮތުގައި މުލިއާގޭގައި މަސައްކަތް ކުރައްވާ ބޭފުޅުން ފާހަގަކުރައްވައެވެ.
މުލީއާގެއަށް 100 އަހަރު ފުރުން ފާހަގަކުރެއްވުމުގެ ގޮތުން، މުލީއާގެއަށް މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށް 2019 ވަނަ އަހަރު ދެއްވި ހަނދާނީ ފިލާވެސް ޙަލީމަށް ވަނީ ލިބިވަޑައިގެންފައެވެ.
ރިޔާސީ ގަނޑުވަރުގައި ޚިދުމަތް ކުރައްވަން ފެއްޓެވުމުގެ ކުރިން އެމަނިކުފާނުވަނީ، ޕްރައިމް މިނިސްޓަރުގެ އޮފީހާއި، ގަވަރންމަންޓް ހޮސްޕިޓަލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނުކަންވެސް ކުރައްވާފައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ، 76 އަހަރެވެ.