ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ މުވައްސަސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި ބަދަލު ތަކަކީ ފުލުހުންގެ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތި ކުރުމުގެ މަގުސަދުގައި ގެނެސްފައިވާ ބަދަލުތަކެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ޚިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައިކަމަށެވެ. މި އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:
މީގެ ކުރިން 2025 އޮކްޓޯބަރު 1 ވަނަ ދުވަހު އަމަލުކުރަން ފެށި އޮނިގަނޑު ބެހިފައިވަނީ 17 ކޮމާންޑެއްގެ މައްޗަށެވެ. އެހެން ނަަމަވެސް މި ބަދަލާއެކު ކޮމާންޑުތަކުގެ އަދަދު ވަނީ 14އަށް މަދުކޮށްފައެވެ.
މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށްކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދުކަމުގައި ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ.