ޚަބަރު

"ބެލެނިވެރިންނަކީ އޯގާތެރި މުޖުތަމަޢެއްގެ ބިންގާ"


  • ދިވެހީންނަށް ވީތީ އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ ބަދަހިކަމަކީ ޢާއިލީ ގުޅުންތަކާއި ގުޅިފައިވާކަމެއް

  • ކުދިން ހެޔޮގޮތުގައި ލޯތްބާއި ރައްކާތެރިކަމާއި އެކުއްޖަކަށް ބޭނުންވާ ފުރުސަތާއެކު ބަލައި ބޮޑުކުރުމުގެ ފުރުސަތު ކަށަވަރުކުރަންޖެހޭ

ބެލެނިވެރިންނަކީ ހަރުދަނާ ޢާއިލާއަކާއި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ބެލެނިވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރިންގެ ހެދި ބޮޑުވުމުގައި ލޯތްބާއި ކެތްތެރިކަމާއި ޤުރުބާނީން އަގުއަދާކުރާ ބެލެނިވެރިންނާއެކު އެކަމަނާ ހުންނެވިކަމަށެވެ. އަދި އެފަދަ ބެލެނިވެރިންގެ ދެގޮތެއްނުވާ ހިތްވަރަކީ ހަރުދަނާ ޢާއިލާތަކާއި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ ބިންގާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހީންނަށް ވީތީ އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ ބަދަހިކަމަކީ ޢާއިލީ ގުޅުންތަކާއި ގުޅިފައިވާކަމެއްކަން ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. މިފަދަ ދުވަހެއް ފާހަގަކުރާއިރު ބެލެނިވެރިންނަށް ކުދިން ހެޔޮގޮތުގައި ލޯތްބާއި ރައްކާތެރިކަމާއި އެކުއްޖަކަށް ބޭނުންވާ ފުރުސަތާއެކު ބަލައި ބޮޑުކުރުމުގެ ފުރުސަތު ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް އެކަމަނާވަނީ ގޮވާލައްވާފައެވެ.

ބައިނަލްއަޤްވާމީ ބެލެނިވެރިން ނުވަތަ ޕޭރަންޓްސް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރައްކާތެރި މާޙައުލެއްގައި ލޯތްބާއި އަޅާލުމާއި، އޯގާތެރި ވެއްޓެއްގައި ދަރިންނަށް ހެޔޮ ތަރުބިއްޔަތެއް ފޯރުކޮށްދިނުމަށް ބެލެނިވެރިން ކުރާ މަސައްކަތާއި ބެލެނިވެރިންގެ ޤުރުބާނީ ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުންނެވެ.