ވިޔަފާރި

ތައިލެންޑްގެ 30 ވިޔަފާރި ކުންފުނީގެ މަންދޫބުން ރާއްޖެ އަންނަނީ


ތައިލެންޑްގެ މިނިސްޓަރ އޮފް ކޮމަރސް ރާއްޖެއަށް ކުރައްވާ ޒިޔާރާތުގައި ބައިވެރިވާ އެ ޤައުމުގެ ވިޔަފާރިވެރިންގެ ވަފްދުން ރާއްޖޭގެ ވިޔަފާރިވެރިންނާއި ބައްދަލުކުރާނެކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުން ހާމަކުރައްވައިފިއެވެ.

މިމަހުގެ 12 އިން 13 އަށް ރާއްޖޭގައި ބޭއްވެވުމަށް ހަމަޖެހިފައިވާ ތައިލެންޑާއި ރާއްޖޭގެ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ޤައުމުގެ މިނިސްޓަރ އޮފް ކޮމަރސް އަޕިރާދި ޓަންޓްރަޕޯން ކުރައްވާ ޒިޔާރާތުގައި، އޭނާގެ އަރިހުގައި އަންނަ ވަފްދުގައި، އެ ޤައުމުގެ 30 ވިޔަފާރި ކުންފުންޏެއްގެ މަންދޫބުން ހިމެނެއެވެ.

ތައިލެންޑާއި ދިވެހި ވިޔަފާރިވެރިންނާއިއެކު ބާއްވާ ބައްދަލުވުން އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު ދަރުބާރުގޭގައި ކަމަށް އިިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް އިކޮނޮމިކް މިނިސްޓަރުގެ ނާއިބު އާދަމް ތައުފީގް ވިދާޅުވީ، ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނު ވިއްކާ ތައިލެންޑް ކުންފުނިތަކާއި، އަންނައުނުގެ ވިޔަފާރިކުރާ ފަރާތްތައް މި ވަފްދުގައި ހިމެނޭނެ ކަމަށެވެ.

އެއް ދުވަހަށް ދެމިގެންދާނެ މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުން ދިވެހި ހުރިހާ ވިޔަފާރިވެރިންނަށް އެ ފުރުޞަތު ވަނީ ހުޅުވާލައްވާފައެވެ. ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ތައިލެންޑްގެ ކުންފުނިތަކުގެ ނަންތަކާއި، އެފަރާތްތަކާއި ބެހޭ އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓް، www.trade.gov.mv އިން ލިބިވަޑައިގަންނަވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.