ޚަބަރު

ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާދެނީ


  • އަނިޔާވި ދެ މީހުންނަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުން

  • ލޯންޗަށް ވަނީ ބޮޑެތި ގެއްލުންވެފައި

ދެ މީހުންނާއިއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓުވެ، ލޯންޗަށް ބޮޑެތި ގެއްލުންތަކެއްވެ، ދެ މީހުންނަށް އަނިޔާވެއްޖެއެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ، އުމުރުން 38 އަހަރުގެ ފިރިހެނަކަށާއި، 30 އަހަރުގެ ބިދޭސީއަކަށެވެ.

މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވީ، 2 މީހުންނާއިއެކު ދަތުރު ކުރަމުންދިޔަ "ޓުއަރ ގާރޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި އެކްސިޑެންޓުވި ލޯންޗަކީ، ވިލިގިލިން ގިރިލަންކަންފުއްޓަށް ދިއުމަށް ދަތުރުކުރި ލޯންޗެކެވެ. މި ލޯންޗު އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބުނީ، ވިލިގިއްޔާ ވަރަށް ކައިރީގައި އޮއްވައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި މިހާތަނަށް ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ލޯންޗު އެކްސިޑެންޓް ވީގޮތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.