ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް ވާޞިލްވުމަށް ކުރަމުންދާ މަސައްކަތަށް ޔަހޫދީން ހުރަސް އަޅަމުންދާ ކަމަށް ޙަމާސްއިން ބުނެފިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތައް، ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއްގެ ދަށުން ނަމެއްގައި ހުއްޓާލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުއެވެ. ޔަހޫދީން އަދިވެސް ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ކެނޑިނޭޅި ޙަމަލާތައް ދެމުންނެވެ.
ޙަމާސްގެ ތަރުޖަމާނެއް ކަމަށްވާ ހާޒިމް ޤާސިމް ވިދާޅުވީ އެއްބަސްވުން ދެމެހެއްޓުމަށް އެހީތެރިވަމުންދާ މެދުވެެެރިންނާއެކު އެ ޖަމާޢަތުން މުއާމަލާތު ކުރަމުންދާ ކަމަށެވެ. ޙަމާސްއާއި މެދުވެރިން މަސައްކަތްކުރަމުން ދަނީ ދެ ފަރާތުން ވެސް ހިތްހަމަޖެހޭ އަދި ޤަބޫލުކުރާ ފަދަ ޙައްލެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ޔަހޫދީން ދެމުންދާ ޙަމަލާތަކުގެ ސަބަބުންނާއި ނެރެމުންދާ ސިޔާސީ ބަޔާންތަކުގެ ސަބަބުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޔަހޫދީން އިޙްތިރާމު ނުކުރާ ކަން ހާމަވާ ކަމަށެވެ. ޣައްޒާގެ 70 އިންސައްތައަށް ވުރެ ބޮޑު ބައެއް އިސްތިއުމާރު ކުރާނެ ކަމަށް ޔަހޫދީން އިޢުލާނުކޮށްފައިވާ ކަން ފާހަގަކޮށް އޭނާ އިތުރަށް ވިދާޅުވީ ޔަހޫދީން އެއްބަސްވުމަށް ފުރަގަސްދެމުންދާ ކަމަށެވެ. ޔަހޫދީންގެ ރޭވުންތަކަކީ ޣައްޒާގެ އާބާދީ އެހެން ސަރަޙައްދަކަށް ފޮނުވައިލުމުގެ ނިޔަތުގައި ރާވާ ރޭވުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގެ 60 އިންސައްތަ އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައި ކަމަށް ބުނެ، އެ ނިސްބަތް 70 އިންސައްތައަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިއުތިރާފުވެފައެވެ.
ޤާސިމް ވިދާޅުވީ މިހާރު ކަން ހިނގަމުންދާ ގޮތުގެ ސަބަބުން މަޝްވަރާތަކުގައި ބައިވެރިވާ ހުރިހާ ފަރާތެއްގެ އިތުބާރާއި އަބުރަށް ގެއްލުން ލިބޭ ކަމަށެވެ. އަދި މައްސަލައިގައި މެދުވެރިން ދެކޭ ގޮތް ސާފުކޮށް ހާމަ ކުރުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.
ޤާސިމް އިތުރަށް ވިދާޅުވީ ޙަމާސްއިން އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް ވާޞިލްވުމަށް މަސައްކަތް ކުރަމުންދާ ކަން ހާމަވާނެ ކަމަށެވެ. ނަމަވެސް ކުރިއެރުމެއް ލިބުމަށް ހުރަސްއަޅަނީ ޔަހޫދީން ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވި ފަހުން ވެސް ޔަހޫދީން ޣައްޒާގެ 929 ރައްޔިތުން ޝަހީދުކޮށްލައި، 2،811 ރައްޔިތުންނަށް ޒަޚަމްކޮށްލާފައިވާ ކަމަށެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ޙަމަލާތައް ދޭން ފެށި ފަހުން ޣައްޒާގެ 72،000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 172،000 މީހުންނަށް ޒަޚަމްކޮށްލާފައިވެއެވެ.