ޚަބަރު

ކެމިކަލް ލީކާ ގުޅުންހުރި ކުންފުނިން ޔަހޫދީންނަށް ޖެޓު ހަދައިދޭ ތުހުމަތު


އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓުގައި 50،000 މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންދަން މަ
ޖުބޫރުކުރިވި ކެމިކަލް ލީކްއާ ގުޅުންހުރި ކުންފުންޏަކީ ޣަައްޒާއަށް ޙަމަލާ ދިނުމަށް ބޭނުންކުރާ އެފް-35 ގެ ބައިތައް ޔަހޫދީންނަށް އުފައްދައިދޭ ކުުންފުންޏެއް ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ކެލިފޯނިޔާގެ ގާޑެން ގްރޯވްގައި ހުންނަ ޖީއާރުކޭ އެއޮރޯސްޕޭސްގެ މަރުކަޒެއްގައި ކެމިކަލް ލީކުވުމުގެ ހާދިޘާއެއް ހިންގާފައި ވަނީ އެ މަރުކަޒުގައި ހުރި ކެމިކަލް ރައްކާކުރާ ޓޭންކެއް ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ.

2017ވަނަ އަހަރުން ފެށިގެން ޖީއާރުކޭ އެއޮރޮސްޕޭސްއަށް ދިފާޢީ ސަބްކޮންޓްރެކްޓުގެ ގޮތުގައި 13 މިިލިޔަން އެމެރިކާ ޑޮލަރުގެ މަސައްކަތް، ދިފާޢީ އާލާތްތައް އުފައްދާ މައި ކުންފުންޏެއް ކަމަށްވާ ލޮކްހީޑް މާޓިންއިން ޙަވާލުކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެފައިވެއެވެ. ލޮކްހީޑް މާޓިންއިން އުފައްދާ އެފް-35 މަރުކާގެ އަސްކަރީ ޖެޓުތައް އުފެއްދުމަށް އެ ކުންފުނިން އެކި ޤައުމުތަކުގައި ޤާއިމްކޮށްފައިވާ ގިނަ ޢަދަދެއްގެ ސަބްކޮންޓްރެކްޓަރުންނަށް ބަރޯސާވެެެއެވެ. އޭގެ ތެރެއިން އެއް ކުންފުންޏަކީ ޖީކޭއެންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޖީކޭއެން އެއޮރޯސްޕޭސް ޓްރާންސްޕޭރެންސީ އިންކެއެވެ. އެ ކުންފުންޏަށް ވެސް ލޮކްހީޑް މާޓިންގެ ފަރާތުން 255 މިލިޔަން އެމެރިކާ ޑޮލަރުގެ ސަބްކޮންޓްރެކްޓް މަސައްކަތް ޙަވާލުކޮށްފައިވެއެވެ.

ޖީކޭއެން އިން ބުނީ ގާޑަން ގްރޯވްގައި ހުންނަ އެ ކުންފުނީގެ ޕްލާންޓަކީ އެފް-35 ޖެޓުތަކުގެ ކޮކްޕިޓުގައި ހަރުކޮށްފައި ހުންނަ ބޭރު ފެންނަ ކެނޮޕީ އުފައްދާ މައި މަރުކަޒު ކަމަށެވެ. އެ ކެނޮޕީ އުފެއްދުމަށް ބޭނުންކުރާ މައިގަނޑު އެއް ކެމިކަލްއަކީ ލީކުވި ކެމިކަލް ކަމަށްވާ މީތައިލް މެތަކްރައިލޭޓްއެވެ. އެ ކެމިކަލްއަކީ އޭގައި ވަރަށް ފަސޭހައިން ހުޅުހިފާ ކެމިކަލްއެކެވެ.

ސެންޓަރ ފޮރ ސިވިލިއަންސް އިން ކޮންފްލިކްޓްގެ ޤާނޫނީ މުޝީރެއް ކަމަށްވާ ޖޯން ރޭމިން ޗަޕެލް ވިދާޅުވީ އެފް-35ގެ ސަޕްލައި ޗޭނު ރޭވިފައިވާ ގޮތުން ގާޑަން ގްރޯވްގެ ޕްލާންޓުގައި ތައްޔާރުކޮށްފައިވާ އެފް-35ގެ ބައިތަކަކީ ޔަހޫދީންނަށް އެކްސްޕޯޓު ކުރާ އެފް-35ގެ ބައިތައް ކަމަށް ވުން ވަރަށް ގާތް ކަމަށެވެ. އެ ޖެޓުތަކަކީ ޣައްޒާގެ ކުުށެއް ނެތް އާންމުންގެ މީހުން ޝަހީދުކޮށް، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފަށް ޢަމަލުކުރުމުގައި ޔަހޫދީން ބޭނުންކުރާ ހަތިޔާރެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފަލަސްޠީނިއަން ޔޫތު މޫވްމަންޓްގެ މެންބަރެއް އަދި ގާޑަން ގްރޯވްގައި ދިރިއުޅޭ ސޯފިޔާ އަވައިދާ ބުނީ ޖީކޭއެންއިން ކޮންޓްރެކްޓްތަކާއި ވިޔަފާރީގެ ފައިދާ ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އޭގެ އަގު ޢަދާ ކުރަން ޖެހެނީ ރައްޔިތުން ކަމަށެވެ. ކެމިކަލް ލީކުގެ ސަބަބުން މަދަރުސާތައް ބަންދުކުރަން ޖެހިފައިވާ ކަމަށާއި މީހުންގެ ދިރިއުޅުމަށް ބުރޫ އަރާފައިވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. ގާޑަން ގްރޯވްގައި އުފައްދާ ހަތިޔާރު ނިޒާމުތައް ބޭނުން ކުރަނީ ޣައްޒާއާއި ލުބުނާނާއި އީރާނާއި މުޅި މެދުއިރުމަތީގެ ސަރަޙައްދަށް ޙަމަލާ ދީ ރައްޔިތުން ކަަތިލުމަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.