ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކަށް ވާގިވެރިވުން އިތުރުކުރުމަށް ޓަކައި، އެމެރިކާގެ އަސްކަރީ ސިނާއަތާ ގުޅުވައިލައި، އެ ކަމުގެ ތެރެއަށް މުޅިން ފައްތައިލުމަށް ތައްޔާރުވަމުންދާ ކަން ހާމަވެއްޖެއެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްއަށް ހުށަހަޅާފައިވާ 2027 ވަނަ މާލީ އަހަރުގެ ދިފާޢީ ބަޖެޓު ނުވަތަ ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓްގެ (އެންޑީއޭއޭ) 224 ވަނަ މާއްދާގެ ދަށުން، "ޔުނައިޓެޑް ސްޓޭޓްސް-އިސްރާއީލް ޑިފެންސް ޓެކްނޮލޮޖީ ކޯޕަރޭޝަން" ގެ ނަމުގައި ހުށަހަޅާފައިވާ މި މަޝްރޫޢަކީ ދެ ފަރާތުގެ އަސްކަރިއްޔާ މީގެ ކުރިން ދުވަހަކު ވެސް ގާތްނުވާ މިންވަރަށް ގުޅައިލުމަށް ރާވާފައިވާ ނުރައްކާތެރި އައު ރޭވުމެކެވެ.
މި ބިލުގެ ދަށުން، ޔަހޫދީންގެ އަސްކަރިއްޔާއާ މުޢާމަލާތު ކުރުމަށް ޚާއްޞަ މަންދޫބެއް ކަނޑައެޅުމަށް އެމެރިކާގެ ދިފާޢީ ވަޒީރަށް މަޖުބޫރުވާނެއެވެ. އަދި، ހަތިޔާރު އުފެއްދުމާއި، އަސްކަރީ އަދި ދިފާޢީ ދާއިރާއާއި ހަތިޔާރުގެ ދިރާސާ ގުޅުވައިލައި، އަސްކަރީ މަޢުލޫމާތު އެއް ވިއުގައަކުން ގުޅައިލަން ޖެހޭނެއެވެ. އަދި، މީގެ ކުރިން ހަމައެކަނި މާލީ އަދި ހަތިޔާރުގެ އެހީގެ މައްޗަށް ބިނާވެފައި އޮތް ގުޅުން، މި ބިލާއެކު ދެ ފަރާތުގެ ދިފާާޢީ ސިނާއަތް މުޅިން އެއްކޮށްލެވޭނެއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ކުރީގެ އޮފިޝަލެއް ކަމުގައިވާ ޖޯޝް ޕޯލް ވިދާޅުވީ، މި ބިލުގެ ސަބަބުން އެމެރިކާގެ އެންމެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީތަކަށް ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުޞަތު ޔަހޫދީންނަށް ފަހިވެ، އާޓިފިޝަލް އިންޓެލިޖެންސްއާއި، ޑްރޯން އަދި ސައިބަރ ހަނގުރާމައިގެ ދާއިރާތަކަށް ދެ ފަރާތުގެ ގުޅުން ފުޅާވެގެންދާނެ ކަމުގައެވެ.
މި ބިލު ހުށަހެޅިފައި މިވަނީ ހުޅަނގު އޭޝިއާ ސަރަޙައްދު ނުތަނަވަސްކަމެއްގެ ތެރޭގައި ވަނިކޮށެވެ. ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ފަސް ހަފުތާއަށް ދެމިގެންގޮސްފައިވާއިރު، އެޕްރީލު 8 ގައި ޙަމަލާތައް މެދުކަނޑައިލުމަށް ތެހްރާނާއި ވޮޝިންގޓަނުން ވަނީ އެއްބަސްވެފައެވެ. ހަނގުރާމައިގެ ތެރެއިން އީރާނުން ވަނީ ގަލްފްގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން ޔަހޫދީ ދައުލަތުގެ ރަށްތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެމެރިކާއާއި ޔަހޫދީ ދައުލަތުގެ ދިފާޢީ އަދި އަސްކަރީ ގުޅުންތައް އިތުރަށް ފުޅާކުރުމަށް ބިލެއް ހުށަހަޅާފައި މި ވަނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގެ މައްސަލަ އެކުވެރި ދައުލަތްތަކުގެ (އދ) އެންމެ މަތީ ކޯޓަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
ކޮންގްރެސްއަށް މި ބިލު ހުށަހަޅުއްވާފައި ވަނީ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ގުޅިގެންނެވެ. ބިލުގެ ފަހަތުގައި ތިއްބެވީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އާމްޑް ސަރވިސަސް ކޮމިޓީގެ މުގައްރިރު މައިކް ރޮޖަރސްއާއި ޑިމޮކްރެޓްސްގެ އިސް މެންބަރު އެޑަމް ސްމިތެވެ. 1948 ވަނަ އަހަރުން ފެށިގެން އެމެރިކާއިން އެންމެ ގިނައިން މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ޔަހޫދީ ދައުލަތަށެވެ.
މި ގޮތުން، މިއަދާ ޖެހެންދެން އެމެރިކާއިން ޔަހޫދީނަށް ފޯރުކޮށްދީފައިވާ މާލީ އެހީގެ އަދަދު 300 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. މީގެ އިތުރުން، ޔަހޫދީންނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަކަށް 2008 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ދަނީ އަމަލު ކުރަމުންނެވެ. ކުރީގެ ރައީސް ބަރާކް އޮބާމާގެ ސަރުކާރުގައި ތަޞްދީޤުކޮށްފައިވާ އެ ޤާނޫނުގެ އުމުރަކީ 10 އަހަރެވެ. އެ ޤާނޫނުގެ ދަށުން 2028 ގެ ނިޔަލަށް އެމެރިކާއިން އަހަރަކު 3.8 ބިލިޔަން ޑޮލަރުގެ އަސްކަރީ އެހީ ޔަހޫދީންނަށް ފޯރުކޮށްދޭން ޖެހޭނެއެވެ.